ސެމްސަންގްގެ އެންމެ ފަހުގެ ގެލެކްސީ އެސް 20 އަދި ގެލެކްސީ އެސް 20+ ޕްރީއޯޑަ ކުރުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފިއެވެ.
ސެމްސަންގްއިން އެންމެ ފަހުން ބާޒާރަށް ނެރުނީ ގެލެކްސީ އެސް20، އެސް20 ޕްލަސް އަދި އެސް20 އަލްޓްރާ އެވެ. މި ފޯނުތައް ރަސްމީކޮށް ލޯންޗުކޮށްފައިވަނީ ދިރާގުގެ ހެޑް އޮފީހުގައި ރޭ މިކަމަށް ބޭއްވުނު ހާއްސަ ރައްސަމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި މި ފޯނުތައް ދިރާގުގެ ފަރާތުން ރާއްޖެއަށް ތައާރަފުކޮށްދެއްވީ އެކުންފުނީގެ ޗީފް މާކެޓިން އޮފިސަރު މަހްމޫދު ދައްސަރުއާއި ސެމްސަންގް ސްރީލަންކާގެ މެނޭޖިން ޑިރެކްޓަރު ކެވިން ޔޫގެ އިތުރުން ދިރާގުގެ ބްރޭންޑް އެމްބެސެޑަރު ހަސަން ސާއިދު އެވެ.
މި ތިން ފޯނުތަކުގެ ސައިޒުގެ އިތުރުން ބައެއް ފީޗާސްތައް ވެސް ތަފާތެވެ. އެންމެ ބޮޑު ތަފާތެއް ފާހަގަކުރެވެނީ ތިން ފޯނުގެ ކެމެރާއިންނެވެ. ގެލެކްސީ އެސް20 އާއި އެސް20 ޕްލަސްގައި 12 މެގަޕިކްސެލްގެ ވައިޑް އޭންގަލް ކެމެރާއެއް ހުންނައިރު، އެސް20 އަލްޓްރާގެ ވައިޑް އޭންގަލް ކެމެރާގައި 108 މެގަޕިކްސެލް ހުރެ އެވެ.
އެސް 20 އާއި އެސް 20 ޕްލަސްގެ ސެލްފީ ކެމެރާގައި 10 މެގަޕިކްސެލް ހުންނައިރު، އެސް20 އަލްޓްރާގެ ސެލްފީ ކެމެރާގައި 40 މެގަޕިކްސެލް ހުރެ އެވެ.
ގެލެކްސީ އެސް20 ސީރީޒްގެ ބައެއް ފީޗާސްތަކުގެ ތެރޭގައި، 100ގުނައަށް ޒޫމް ކޮށްލެވޭ ޒޫމް ލެންސް (ހަމައެކަނި އެސް20 އަލްޓްރާގައި)، 45 ވޮޓު ފާސްޓް ޗާޖިން ސަޕޯޓު ކުރޭ، 8ކޭ ވީޑިއޯ ރިކޯޑު ކުރުން، ސިންގަލް ޓޭކް މޯޑް (10 ފޮޓޯއާއި ހަތަރު ވީޑިއޯ އެއް ބަޓަނުން އެއްފަހަރާ ނަގާލެވޭ)، އެކްސްޕޭންޑަބަލް ސްޓޯރޭޖް: އެއް ޓީބީއާ ހަމައަށް އަދި އިން ސްކްރީން ފިންގަޕްރިންޓް ސްކޭނާ ހުރެއެވެ.
ސެމްސަންގް ގެލެކްސީ އެސް20 ސީރީޒްގެ ފޯނުތައް ދިރާގުގެ ވެބްސައިޓު މެދުވެރިކޮށް ޕްރީއޯޑާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ސެމްސަންގް އެސް20 އަށް ޕްރީއޯޑާ ކުރާ ފަރާތްތަކަށް ހާއްސަ އިނާޔަތެއްގެ ގޮތުގައި ފްރީ ބޯނަސް ޑޭޓާގެ ގޮތުން 6 މަހަށް 5 ޖީބީ ޑޭޓާ ހިލޭ ލިބޭނެއެވެ.
އަދި އެސް20 ޕްލަސް އަދި އެސް20 އަލްޓްރާ ޕްރީއޯޑާކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް ފޯނާއެކު ސެމްސަންގް ގެލެކްސީ ބަޑްސް ޕްލަސްއެއް ލިބޭއިރު، 6 މަސް ދުވަހުގެ މުއްދަތަކަށް ކޮންމެ މަހަކު 10 ޖީބީގެ ޑޭޓާ ވެސް ހިލޭ ލިބޭނެ އެވެ. މި ތިން ފޯނަކީ ވެސް ދިރާގުގެ އީސިމް ސަޕޯޓުކުރާ ތިން ފޯނެވެ.