ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި، އެހީތެރިކަމާއި އަޅައިލުން ބޭނުންވެފައިވާ ކުދިންގެ މަސްލަހަތު ޙިމާޔަތް ކުރުމަށް ހާއްސަ މަސައްކަތްކުރާނެ އިދާރާއެއް ގާއިމްކޮށްފިއެވެ.

"ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް" ގެ ނަމުގައި މި އިދާރާ ގާއިމުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކުރައްވާފައިވާ ގޮތުގެ މަތީން، އެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި "ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް" ގެ ނަމުގައި އިދާރާއެއް ގާއިމުކުރަން ގާނޫނުން ލާޒިމް ކުރެއެވެ. އެހެންކަމުން މިއަދުން ފެށިގެން އެ އިދާރާ ގާއިމު ކުރައްވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ދަށުން ހިންގަވާ ތަނެއްގެ ގޮތުގައި ރައީސް ސޯލިހް ވަނީ ހަމަޖައްސަވާފައެވެ.

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އުފެއްދެވުމާއި ގުޅިގެން، ޖެންޑާ މިނިސްޓްރީގެ ބައެއް މަސައްކަތްތަކަށް ބަދަލު ގެނެވި، އެ މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާއި، އެހީތެރިކަމާއި އަޅައިލުން ބޭނުންވެފައިވާ ކުދިންގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން، އެ އިދާރާއިން ކުރާގޮތަށް ވަނީ ބަދަލުކޮށްފައެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އެކުލަވާލި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ޖިންސީ ގޯނާގެ ކުށްތަކުންނާއި، ކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކުން ކުދިން ރައްކާތެރިކުރުމުގެ މަސައްކަތް، މިހާރަށްވުރެ ހަރުދަނާވާނެ ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ވާހަކަ ދައްކަމުންނެވެ. މި ގާނޫނަކީ ކުރީގެ ސަރުކާރުތަކުން ވެސް ފާސްކުރުމަށް ވާހަކަ ދައްކާފައިވާ ގާނޫނެކެވެ. އެގޮތުން މި ގާނޫނަށް ވާހަކަ ދައްކާތާ މިހާރު ވަނީ 28 އަހަރު ވެފައެވެ.

ވޭތުވެދިޔަ 15 އަހަރަށް ބަލާއިރު ކުޑަކުދިންގެ މައްސަލަަތަކެއް އެއް އަހަރުން އަނެއް އަހަރަށް ރިޕޯޓުކުރާ މިންވަރު ވަނީ އިތުރުވެފައެވެ. ނަމަވެސް މި ފަދަ މައްސަލަަތަކުގައި އިންސާފާ ހަމައަށް ވާސިލް ނުވެވޭ ކަމާއި މައްސަލަތައް ބެލުމުގައި ވަރަށް ބޮޑު "ޑިލޭތަކެއް" ހުރިކަން ވަނީ ފާހަގަވެފައެވެ.

އެހެންނަމަވެސް މި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު އިޖްތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށް، އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. އަދި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ގެންދިއުމާއި ފޮސްޓާ ކުރެވޭ އުސޫލުތައް މި ގާނޫނުގައި ބަޔާންކުރާއިރު ކުޑަކުދިންނަށް އަޅާނުލާ ފަރާތްތަކާއި އެކުދިންނަށް އިހުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅޭނޭ ގޮތްތައް ވެސް ވަނީ ކަނޑައަޅާފައެވެ.