މެލޭޝިޔާގެ މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވާސިޓީ (އެމްއެސްޔޫ) ގެ ކޯސްތައް ސައިރިކްސް ކޮލެޖުން ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށް އެ ޔުނިވާސިޓީއާ އެކު ސައިރިކްސް ކޮލެޖުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

5 އަހަރުގެ މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ މިއަދު ސައިރިކްސް ކޮލެޖުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެމްއެސްޔޫގެ ފަރާތުން މި އެއްބަސްވުމުގައި އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ސޮއިކުރައްވާފައި ވާއިރު، ސައިރިކްސް ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ ރެކްޓާއެވެ.

މި އެއްބަސްވުމުގެ ދަށުން އެމްއެސްޔޫގެ ކޯސްތައް ސައިރިކްސް ކޮލެޖުގައި ހިންގަން ފަށާއިރު، ސްޓޫޑެންޓް އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގަން ފެށުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ސައިރިކްސް ކޮލެޖުގެ ލެކްޗަރާސް ތަމްރީނު ކުރުމުގައި ވެސް އެމްއެސްޔޫގެ އެހީތެރިކަން ލިބިގެން ދާނެއެވެ.

އެމްއެސްޔޫއާއެކު މިއަދު ސޮއި ކުރި އެއްބަސްވުމާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސައިރިކްސް ކޮލެޖުގެ ރެކްޓާ، ޑރ. އަލީ ފަވާޒު ޝަރީފް ވިދާޅުވީ، މިއަދު ފަހިކޮށް މިދެވުނީ ދަރިވަރުން ރާއްޖޭގައި ތިބެގެން އެމްއެސްޔޫގެ ޑިގްރީ އަދި މާސްޓާސް ޕްރޮގްރާމްތުކުގައި ބައިވެރިވުމުގެ ފުރުސަތު ކަމަށެވެ.

އެމްއެސްޔޫގެ ފަރާތުން ސައިރިކްސް ކޮލެޖުގައި ހިންގުމަށް ހަމަޖެހިފައިވަނީ އެޑިއުކޭޝަން، ސައިކޮލޮޖީ ހޮސްޕިޓާލިޓީ، ބިޒްނަސް ދާއިރާގެ ޑިގްރީ އަދި މާސްޓާސް ޕްރޮގްރާމްތަކާއި އައިޓީ ދާއިރާގެ ޕްރޮގްރާމްތައް ކަމަށް ފަވާޒު ވިދާޅުވިއެވެ. މި ދާއިރާތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިންގުމަށް ގަސްތު ކުރަނީ އެޑިއުކޭޝަން ދާއިރާގެ ޕްރޮގްރާމްތައް ކަމަށާއި، އެ ޕްރޮގްރާމްތައް މިއަހަރު ދެވަނަ ސެމިސްޓަރުގެ ތެރޭގައި ފެށިގެން ދާނެ ކަމަށް ފަވާޒު ވިދާޅުވިއެވެ.