އަންނަ މަހުގެ ތިންވަނަ ދުވަހުން ފެށިގެން ސައުތު ކޮރެއާގެ 6 ސަރަހައްދަކުން މީހުން އައުން މެދުކަނޑާލަން ނިންމައިފިއެވެ.

ހެލްތް ޕްރޮޓެކްޗަން އެޖެންސީން ބުނީ، އަންނަ އަނަގާރަ ދުވަހުން ފެށިގެން ސައުތު ކޮރެއާގެ 6 ސަރަހައްދަކުން ރާއްޖެއަށް މީހުން އައުން މެދުކަނޑާލާނެ ކަމަށެވެ. އެ ސަރަހައްދުތަކަކީ ޑޭގޫ، ޖެޔުން ގޮކް، ޕޫސަން، ސޯއުލް، ޗޮންޖީ އަދި ޖޯންގްނަމް އެވެ.

މީގެ އިތުރުން މި މަހުގެ 26 ވަނަ ދުވަހު އެޗްޕީއޭއިން ބުނެފައިވަނީ، އިރާނުންވެސް ރާއްޖެއަށް އައުން މެދުކަނޑާލެވިފައިވާ ކަމަށެވެ. އެހެންކަމުން ސައުތު ކޮރެއާގެ 6 ސަރަހައްދުން ނުވަތަ އިރާނަށް ޓްރާންސިޓްވެފައި ވޭތުވެދިޔަ 14 ދުވަސްތެރޭ އަންނަ ފަރާތްތައް 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރެވޭނެ ކަމަށްވެސް އެފަރާތުން ބުނެއެވެ.

މިދިޔަ ބުދަ ދުވަހު ރައީސް އޮފީހުގައި ހެލްތް މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެފައި ވަނީ، މިހާރު ކޮރޯނާ ވައިރަސް އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ އެއް ގައުމަކީ ސައުތު ކޮރެއާ ކަމަށެވެ. އެހެންކަމުން ސައުތު ކޮރެއާގެ ދެ ސަރަަހައްދަކުން މީހުން އައުން މެދުކަނޑާލާފައިވާ ކަމަށާއި އެއީ ޑޭގޫ އަދި ޖެޔުން ގޮކް ކަމަށް އަމީން ވިދާޅުވެފައި ވެއެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް ކެންސަލް ކޮށްފައިވާ އިރު، ރާއްޖެއަށް ކްރޫޒް ލައިނާ އައުންވެސް ވަނީ މިހާރު ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ހަމައެއާއެކު އިރާނުން ނުވަތަ އިރާނު މަގުން ރާއްޖެއަށް މީހުން އައުންވެސް ވަނީ މެދުކަނޑާލާފައެވެ.

މިއަދާ ހަމައަށް އައި އިރު މި ވައިރަސް ޖެހިގެން އިންފެކްޓް ވެފައިވާ މީހުންގެ އަދަދު ވަނީ 85،000 އިން މައްޗަށް ގޮސްފައެވެ. އަދި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 2900 އިން މައްޗަށް ގޮސްފައެވެ.