ރަސްފަންނުގައި ހުރި އާންމު ފާހާނާ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމުގެ ޝަކުވާތައް އެތައް ބަޔަކު ކުރަމުން ދަނިކޮށް އެމްޑަބްލިއުއެސްސީގެ ޓީމަކުން އެ ފާހާނާ މުޅިން އާ ކޮށްލައިފިއެވެ.
މާލޭގެ ހިތްފަސޭހަ މާހައުލުތަކާއި ޕާކުތައް ހުރި އިރު ރަސްފަންނަކީ އެތައް ބަޔަކު މޫދަށް އެރުމަށާއި، އާއިލީ ހަވީރު ހޭދަކުރުމުގެ ގޮތުން ބާބަކިއު ހެދުމަށާއި މަސްބޭނުމަށް ގޮސްއުޅޭ ސަރަހައްދެކެވެ. ގިނަ ބަޔަކު ގޮސް އުޅޭ ރަސްފަންނުގައި އާންމުން ބޭނުންކުރަން ވަގުތީ ފާހާނާއެއް ހަދާފައި ހުރި ނަމަވެސް އެތަން ވީރާނާވެ ހަލާކުވާތީއާއި ފާހާނާ ތަށި ތަޅައިގެން ގޮސް ހުރުމުގެ އިތުރުން ޝަވަރު ބޭނުން ނުކުރެވޭތީ އެތަން މީހާރު މީހުން ބޭނުން ނުކުރެއެވެ.
ސޯޝަލް މީޑިއާގައި ހަލާކުވެފައިވާ ފާހާނާގެ ފޮޓޯއާއެކު އެކަމުގެ ޝަކުވާތަކާއި މީހުންގެ ޝުއޫރުތައް ވަނީ ބަންޑުންކޮށްލާފައެވެ. އަދި އެކަމަށް ހައްލެއް ލިބޭނެ ކަމުގެ އުންމީދުގައި އެތައް ބަޔަކު ތިބި އިރު އެކަމަށް ހައްލެއް ގެނެސްދިނުމަށް އަތުކުރި އޮޅާލައިގެން އެމްޑަބްލިއުއެސްސީގެ ޓީމަކުން ނުކުމެ މިވަނީ ވަރަށް ފުރިހަމަ ކުޑަ ފާހާނާއެއް ތައްޔާރުކޮށްލާފައެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވީ، މާލެ ވެސްޓް ކޯސްޓް ބިލްޑިންގް ވަނީ ސިބްކޯ ކިޔާ ފަރާތަކަށް ފްރެންޗައިސް އުސޫލުން ރެސްޓޯރަންޓާއެކު ހިންގަން ކޮންޓްރެކްޓްކޮށް ހަވާލުކޮށްފައި ކަމަށެވެެ. އަދި ސިބްކޯ ކުންފުންޏާ އެކު ހެދިފައިވާ ކޮންޓްރެކްޓްގެ ތެރޭގައި އެތަނުގައި ފާހާނާ ބައިރިއެއް ހަދާ މެއިންޓެއިންކޮށް ބެލެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް ޝާހް ވިދާޅުވިއެވެ. ނަމަވެސް ވިޔަފާރީގެ ގޮތުން އެފަރާތަށް ދިމާވާ ދަތިތަކެއްގެ ސަބަބުން ދެ ކުންފުނީގެ ދެމެދުގައި ދެބަސްވުންތަކެއް ހުރިކަމަށް ޝާހް ވިދާޅުވިއެވެ.
ރަސްފަންނުގައި ހުރި ފާހާނާގެ މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކާއެކު އެ ފާހާނާ ބޭރާއި އެތެރެ ހަލާކުވެފައިވާތީ އެކަން ސަމާލުކަމަށް އައި ކަމަށް ޝާހް ވިދާޅުވިއެވެ. އެހެންކަމުން އޮފީހުން މުވައްޒަފުންތަކެއްގެ ކައިރީ އެތަން މަރާމާތުކޮށްލަން ހިނގާށޭ ވިދާޅުވުމުން އެ ޓީމްގެ އެހީއާ އެކު އެފާހާނާ އެހުރީ މަރާމާތުކޮށްފައި ކަމަށް ޝާހް ވިދާޅުވިއެވެ.
މިހާރު ރަސްފަންނުގައި ހުރި ފާހާނާއަކީ އަދި ވަގުތީ ފާހާނާއެއް ކަމަށް ޝާހް ވިދާޅުވިއެވެެ. ޕްލޭންގައި އޮތީ އެ ސަރަހައްދުގައި ފާހާނާ ބަރިއެއް ހެދުން ކަމަށް ޝާހް ވިދާޅުވިއެވެ. އެތަނުގައި ރެސްޓޯރަންޓު ހިންގުމުގައި ބައެއް ކޮންފްލިކްޓް މިހާރު ހުރި ކަން ފާހަގަކުރައްވަމުން ޝާހް ވިދާޅުވީ އެ ކޮންޕްލިކްޓްތައް އިސްލާހު ކޮށް ރަނގަޅުކުރަންވެސް ޖެހޭ ކަމަށެވެ.
އާންމުންގެ ބޮޑު ޝަކުވާއަކަށް ވެގެން ގޮސްފައިވާ ރަސްފަންނު ފާހާނާގެ މައްސަަލއަށް މިއަދު ހައްލެއް ހޯދައިދެވުނީތީ އެ ކުންފުނިން ވަރަށް އުފާކުރެއެވެ. އަދި މި މަސައްކަތް ކާމިޔާބުކޮށްދިނުމަށް އެކުންފުނީގެ ފަރާތުން އެހީތެރިވި މުވައްޒަފުންގެ ޓީމުން ކޮށްދިން ބުރަ މަސައްކަތަށް ޝާހު ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
އެމްޑަބްލިއުއެސްސީއަކީ އާންމުންގެ މިފަދަ ޝަކުވާތައް ދުރުކޮށްދިނުމަށް މަސައްކަތް ކުރާ ކުންފުންޏެކެވެ. އެގޮތުން މިހާރު އެ ކުންފުނިން ދަނީ މަސްވެރިންގެ ޕާކް ސަރަހައްދުގައި ހުރި ނަރުދަމާގެ ވަސްހޮޅި އުސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ހޮޅި އުސްކުރުމަށް ހަމަޖެހިފައިވަނީ 25 މީޓަރަށް ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.