ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ވެރިކަމުގައި ހުންނެވި ނަމަ މާލެ ސަރަހައްދުގައި ތަރައްގީގެ މަޝްރޫއުތައް ބާރަށް ކުރިޔަށް ގޮސް އެ މަޝްރޫއުތައް ނިމެން ކައިރިވާނެ ކަމަށް އެމަނިކުފާނު ސަރުކާރުގައި ހައުސިން މިނިސްޓަރަކަށް ހުންނެވި އަދި ޕީޕީއެމްގެ ޓިކެޓުގައި މާލެސިޓީ ކައުންސިލްގެ މޭޔަރަކަށް ވާދަ ކުރެއްވުމަށް ނިންމަވާފައިވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމްއިން ކާނިވާ ސަރަހައްދުގައި ބޭއްވި އެޕާޓީގެ ކައުންސިލް އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވި ނަމަ ރާއްޖެ އޮންނާނެ ގޮތުގެ ތަސައްވުރެއް ހިއްސާ ކޮށްދެއްވާފައެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީނަށް ދެވަނަ ދައުރެއް ލިބިވަޑައިގެންނެވި ނަމަ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓުތަކުގައި މިހާރު މީހުން ދިރިއުޅޭނެ ކަމަށެވެ. އަދި ކިންގް ސަލްމާނު މިސްކިތްވެސް މިދިޔަ އަހަރުގެ ޖުލައި މަހު ހުޅުވޭނެ ކަމަށާއި މާލެ އާއި ތިލަފުށި ގުޅާލައި ބްރިޖުގެ އަމަލީ މަސައްކަތް ވެސް މިހާރު ހުންނާނީ ފެށިފައި ކަމަށެވެ.

"މިއީ އެކަންކަން ގޮސްފައިވާ ހިސާބު. އަދި އެއާ އެކީގަައި ގުޅިފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ނިމިފައޭ އޮންނާނީ އެއީ އެމަނިކުފާނު އެކަން ރާވާފައި އޮތް ގޮތްކަން މިތަނުގައި ތިއްބެވި އޭރުގެ ކެބިނެޓް ވަޒީރުން ވެސް ހެކިވެވަޑައިގަންނަވާނެ،"
މުއިއްޒު

މީގެ އިތުރުން އޭރު އިއުލާނު ކުރި ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތްވެސް މިހާރު އޮންނާނީ ފެށިފައި ކަމަށާއި މާލޭގެ ވަށައިގެންވާ މަގުގައި ތާރު އަޅާ މިހާރު އޮންނާނީ ނިމިފައި ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިއަދު މާލޭގެ ރައްޔިތުންވެސް މި ސަރުކާރު މަތިން ފޫހިވެއްޖެ ކަމަށެވެ. މާލޭގެ ރައްޔިތުން ބޭނުންވަނީ ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީ މާލެއަށާއި އަތޮޅުތަކަށް ގެނެސް ދިނުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.