މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ޖުމްލަ 147،000 ފަރާތެއް ކޮރޯނާ ވައިރަސްއަށް ސްކްރީން ކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ މިމަހު 3 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 147،000 މީހުން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މި އެންމެން ވެސް ވަނީ ތާމަލް ކެމެރާތަކުން ކޮރޯނާ ވައިރަހަށް ސްކްރީން ކޮށްފައިވާ ކަމަށް މިނިސްޓްރިު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، މިމަހު 3 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ރާއްޖެ އައި މީހުންގެ ތެރެއިން 538 ފަރާތަކާ ސުވާލުކޮށްފައިވާ ކަމަށެވެ. އެއީ ހުމުގެ އަލާމާތެއް ނުފެންނަ މީހެއް ކަމަށް ވިޔަސް، އެމީހުްނގެ ޓްރެވެލް ހިސްޓްރީއާއި ޓްރާންސިޓްވި ގައުމުތައް ފަދަ މައުލޫމާތު ތައް ސާފުކޮށްފައިވާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، އެ މުއްދަތުގައި ރާއްޖެ އައި މީހުންގެ ތެރެއިން 37 މީހަކަށް ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދީ، އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އެގޮތުން، އެ މީހުންނަކީ ރާއްޖެއައި ޗައިނާ މީހުން ކަމަށާއި، އެމީހުން ފޮނުވާލިއިރު، ބަލީގެ އެއްވެސް އަލާމާތެއް ފާހަގަ ވެފައި ނުވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވވެފައިވާއިރު، ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖެއިން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން، މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވަނީ މުހިންމު ތިން ފިޔަވަޅެއް އިއުލާނުކޮށްފައެވެ. އެއް ފިޔަވަޅަކީ ރާއްޖެ އަންނަ ކްރޫޒް ލައިނާސްތައް ހުއްޓުވުމެވެ. އަދި އިރާނުން ނުވަތަ އިރާނު މަގުންނާއި، ސައުތް ކޮރެއާގެ ދެ ސަރަހައްދަކުން ރާއްޖެއަށް މީހުން ގެނައުން މެދު ކަނޑާލާފައިވާ ކަމަށް މިއަދު ވަނީ އިއުލާނު ކޮށްފައެވެ.