ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް އަންނަ ކްރޫޒް ލައިނާ މެދުކާނަޑާލަން ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، މިހާތަނަށް އައި އިރު އަދި ކޮރޯނާ ވައިރަސްގެ ޕޮސިޓިވް ކޭސްއެއް ފެންނަ ހަލާތަށް ގޮސްފައިނުވާ ކަމަށެވެ.

ރާއްޖެއަށް މި ވައިރަސްގެ ކޭސްއެއް ރާއްޖެއަށް އަޔަ ނުދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމުގައި އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު މިއަދު ނިންމެވީ ކްރޫޒް ލައިނާސް މިވަގުތަށް ރާއްޖެއަށް އައުން މެދުކަނޑާލުމަށް ކަމަށެވެ. އެހެންކަމުން ރާއްޖެއަށް އަންނަ ކްރޫޒް ލައިނާސްއަށް ހުއްދަ ދެން ދެވޭނީ މިހާރު މިއޮތް ހާލަތަށް އަންނަ ބަދަލަކަށް ފަހުގައި ކަމަށް އަމީން ވިދާޅުވިއެވެ. ހަމައެއާއެކު އިރާން މަގުން އިރާނުން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

މިހާރު ކޮރޯނާ ވައިރަސް އެންމެ ގިނައިން ފެތުރެމުންދާ އެއް ގައުމަކީ ސައުތު ކޮރެއާކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ، ސައުތު ކޮރެއާގެ ދެ ސަރަަހައްދަކުން މިހުން އައުން މެދުކަނޑާލާފައިވާ ކަމަށެވެ. އެއީ ޑޭޔުން އަދި ޖެޔުން ގޮކް މި ދެ ސަރަހައްދެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން މިހާރުގެ ހާލަތު ވަރަށް ރަނގަޅަށް މޮނިޓާ ކުރެވެމުންދާ ކަމަށާއި، އަދި މި ހާލަތަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ކޮންމެ ދުވަހަކު ބަދަލުވަމުން އަންނަ ހާލަތެއް ކަމަށް އަމީން ވިދާޅުވިއެވެ. އެގޮތުން ކޮރޯނާ ވައިރަސްއަށް މިާޙރު އައިސްފައިވާ ބަދަލުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މީ ބޮޑު ރޯގާއަކަށް ވުމުގެ ފުރުސަތު އޮތްކަމަށް ލަފާކޮށް ދުނިޔޭގެ ހުރިހާ ގައުމުތަކަށް ލަފާދެމުންގެންދާ ކަމަށް އަމީން ވިދާޅުވިއެވެ.

ކޮންމެ ދުވަހަކު އެންމެ ގިނަ ޕޮސިޓިވް ކޭސްތައް ފެންނަމުން ދަނީ ޗައިނާއިނެވެ. ނަމަވެސް މިހާރު ޗައިނާއިން ފެނުނު ޕޮސިޓިވް ކޭސްގެ އަދަދުތަކަށް ވުރެ އެހެން ގައުމުތަކުން ފެނުނު ޖުމްލަ ޕޮސިޓިވް ކޭސްގެ އަދަދު ވަނީ އިތުރުވެފައެވެ. މިހާތަނަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 81،263 އަރާފައެވެ. މަރުވި މީހުންގެ ޖުމްލަ އަދަދަކީ 2762 އެވެ.