ހދ. ހަނިމާދޫގައި އިސްލާމްދީނާ ބެހޭ މައުލޫމާތު ދިނުމުގެ ނަމުގައި ބޭއްވި ސެމިނާރަށް ދިއުމަށް ރަށުގެ އެކި ފަރާތްތަކަށް ދައުވަތު ދިނީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވެގެން ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އަބްދުއްސަލާމް އަލީ ވިދާޅުވެއްޖެއެވެ.

ހދ. ހަނިމާދޫގައި ކިއުލިއަމް ޖަމިއްޔާއިން ބޭއްވި ވޯކްޝޮޕްގައި އެރަށުގެ ސްކޫލްތަކުގެ ޓީޗަރުންނާއި ޖަމިއްޔާތަކާއި ސަރުކާރު މުއައްސަސާތަކުގެ ވެރިން ބައިވެރިވެފައިވެއެވެ. އަދި ވޯކްޝޮޕް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތެރިވީ ހަނިމާދޫ ދާއިރާގެ މެންބަރު ކަަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.

މިކަމާ ގުޅިގެން އަބްދުލް ގަފޫރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހަނިމާދޫގައި ބޭއްވި ސެމިނާއަކީ އޭނާ އިންތިޒާމްކުރައްވައިގެން ބޭއްވި ސެމިނާއެއް ނޫން ކަމަށެވެ. އެވަގުތު އޭނާ ރަށުގައި ހުންނެވުމުން އެ ސެމިނާގައި ބައިވެރިވެވަޑައިގަތީ ކަމަށާއި ހަނިމާދޫން ވެސް 200 ވަރަކަށް މީހުން އެ ސެމިނާގައި ބައިވެރިވި ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ އެ ސެމިނާގައި އިސްލާމް ދީނާ ހިލާފް އެއްވެސް ވާހަކަ އެއް ދައްކާފައި ނުވާ ކަމަށެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުއްސަލާމް އަލީ ވިދާޅުވީ، އެ ސެމިނާ އިންތިޒާމް ކުރިފަރާތެއް ސީދާ ދަންނަވަން އެނގިވަޑައިނުގަންނަވަ ކަމަށާއި ސެމިނާ ބޭއްވުމަށް މެންބަރު އަބްދުލް ގަފޫރު ވިދާޅުވުމުން ހުރިހާ ފަރާތަކަށް އެ ސެނިމާގައި ބައިވެރިވުމަށް ދައުވަތު ދިނީ ކައުންސިލްގެ ފަރާތުން ކަމަށެވެ. އަދި އެ ސެމިނާ ބާއްވާފައި ވަނީ މިދިޔަ މަހުގެ 28 އަދި 29 އެހިސާބުގައި ކަމަށް ކައުންސިލަރު ވިދާޅުވިއެވެ.

"މެންބަރު ވިދާޅުވެގެން ކައުންސިލުން މީހުންނަށް ދައުވަތު ދިނީ. ސެމިނާ ހިންގި ފަރާތް ގެނައުމުގެ މަސައްކަތުގައި އުޅުނީ ކޮންބައެއް ކަމެއް ނޭނގޭ. އަދި އަޅުގަނޑު އެ ސެމިނާއަކަށް ނުދަން."
ހަނީމާދޫ ކައުންސިލްގެ ރައީސް

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ހަސަން ސަލީމް ވިދާޅުވީ، އެ ސެމިނާއާ ގުޅިގެން ފޮނުވަންޖެހޭ ހުރިހާ ލިޔެކިޔުންތަކެއް ފޮނުވާފައި ވާނީ ކައުންސިލްގެ ފަރާތުން ކަމަށެވެ. އަދި އެ ސެމިނާގައި ސަލީމް ބައިވެރިވެވަޑައިނުގަންނަވާ ކަމަށާއި އަދި ދީނާ ހިލާފް އެއްވެސް ވާހަކައެއް ދެކެވިފައިވާ ކަން އެނގިވަޑައިނުގަންނަވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން އިސްލާމިކް މިނިސްޓރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ހިލާފު ވޯކްޝޮޕްތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަމުން ދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންކަމުން އެ މިނިސްޓްރީން އެކަންކަން ބަލަމުންދާ ކަމަށް ބުނެއެވެ.

މިކަމަށް ރައްދު ދެއްވަމުން ދީނި އިލްމުވެރިއާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެފައި ވަނީ، ދީނީ އިލުމުވެރިން ދަރުސް ދޭން ވީމައި އެތައް ހުއްދަތަކެއް ނަގަންޖެހޭ ކަމަށާއި ނަމަވެސް ދީނާ ހިލާފް ވޯކްޝޮޕްތައް ބާއްވަން ވީމައި އެއްވެސް ތަނަކުން ހުއްދަ ނަގަން ނުޖެހޭކަމަށެވެ. އިސްލާމިކް މިނިސްޓްރީއާއި ކަމާ ބެހޭ ފަރާތްތަކުން މިފަދަ މައްސަލަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށް އިޔާޒް ވިދާޅުވިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ވޯކްޝޮޕްތައް ހިންގަމުންދާތާ އަހަރަކާ ގާތްވަނީއެވެ. އެގޮތުން މި ވޯކްޝޮޕްތައް ރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްރަށުގައި ހިންގާފައި ވެއެވެ.

މެންބަރު ގަފޫރު އަދި ކިއުލިއަމް ޖަމިއްޔާގެ މެންބަރެއް

ބައެއް މިޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިފަދަ ވޯކްޝޮޕްތައް ރާއްޖޭގައި ހިންގަމުން ދަނީ، ދީނީ ހައްދު ފަހަނައަޅާދިއުމާ ދެކޮޅަށް އިނގިރޭސިވިލާތުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަަމަށްވާ ކުއިލިއަމް ފައުންޑޭޝަންގެ ފަރާތުންނެވެ. އެ ޖަމިއްޔާއަކީ ކުރިން ހައްދު ފަހަނަ އަޅާދިއުމުގެ ވިސްނުން ގެންގުޅުނު އިނގިރޭސިވިލާތުގެ މުސްލިމެއް ކަަމަށްވާ މާޖިދު ނަވާޒް އުފެއްދި ޖަމިއްޔާއެކެވެ. ނަމަވެސް އެ ޖަމިއްޔާއަކީ ސެކިއުލާ ވިސްނުން ގެންގުޅޭ މުސްލިމުންނާ ދެކޮޅު ޖަމިއްޔާއެއް ކަަމަށް ބުނެ އިނގިރޭސިވިލާތުގެ ގިނަ މުސްލިމުން ވެސް ވަރަށް ބޮޑަށް އެ ޖަމިއްޔާއަށް ނަފްރަތުކުރާ ކަމަށް މައުލޫމާތު ލިބެއެވެ.