ސަރުކާރުގެ ހަރަދުތައް ހަރުދަނާކޮށް ކުރިއަށް ގެންދަން ތަޖުރިބާކާރާކު ހޯދަން އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާންއެއްގައި ބުނެފައި ވަނީ އެ މިނިސްޓްރީގައި "ފިސްކަލް އެފެއާޒް" ޑިޕާޓްމަންޓުގެ ދަށުން އިކޮނޮމިކް އެންޑް އެކްސްޕެންޑިޗާ ޕޮލިސީ ޔުނިޓެއް ގާއިމުކޮށް އެ ޔުނިޓުގެ މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން އެކަމާ ގުޅޭ ދާއިރާއިން ތައުލީމު ހާސިލްކޮށް އަދި ތަޖުރިބާ ލިބިފައިވާ މީހުނަށް، އެ މިނިސްޓްރީގެ ފަރާތުން އެކްސްޕެންޑިޗާ ޕޮލިސީ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައި ފައިވާ ކަމަށެވެ.

އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މާޗް މަހުގެ ތިން ވަނަ ދުވަހުގެ މެންދުރުފަހު 1:30 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އެ މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ ބުނެއެވެ.