ކުރީގެ ނައިބު ރައީސް ޖިހާދު ދައުލަތުން ނުޙައްގު މުއްސަނދިކަން ހޯދިކަމަށް ބުނެ ދައުވާ ކުރަން ނިންމައިފިއެވެ.

އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ގާނޫނީ ހައިސިއްޔަތެއްނެތި ޖިހާދު ދައުލަތުގެ މުދަލެއް ބޭނުން ކުރައްވައިފައިވާ މުއްދަތަށް އޭނާގެ ކިބައިން ކުލި ހޯދުމުގެ ހައްގު ދައުލަތަށް ލިބިގެންވާކަމަށް ކަނޑައަޅައިދިނުމަށް ކަމަށެވެ. އަދި ނުހައްގު މުއްސަނދިކަން ހޯއްދަވާފައިވާތީ އެތަނުގެ ކުއްޔާއި މެއިންޓެނަންސް ފީ އާއި ޔުޓިލިޓީ ފީސް ދައުލަތަށް އެކީ އެއްފަހަރާ ހޯދުމަށް ކަމަށެވެ.

އެގޮތުން ރައީސް އާއި ރައީސްގެ ނައިބުގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކާބެހޭ ގާނޫނުގެ ދަށުން ނިމިދިޔަ ރިޔާސީ ދައުރުގައި ރައީސްގެ ނައިބެއްގެ ގޮތުގައި ހުންނެވި ޖިހާދު ދިރިއުޅުއްވުމަށް ދައުލަތުގެ ފަރާތުން “ރެހެންދި 3” ގެ 2 ފްލެޓް ވަނީ ހަމަޖައްސައިދީފައި ކަމަށާއި، ރިޔާސީ ދައުރު ހަމަވުމަށްފަހު، އެތަން ހުސްކުރަން ދައުލަތުން އެންގި ކަމަށް އޭޖީގެ ބަޔާނުގައި ވެއެވެ.

ނަމަވެސް އެތަން ހުސްނުކޮށް، ގާނޫނީ ހައިސިއްޔަތެއް ނެތި އެއް އަހަރާއި ތިން މަސް ވަންދެން އޭނާ އެ ފްލެޓްތަށް ބޭނުން ކުރައްވަމުން ގެންދެވި ކަމަށާއި އޭނާ އެތަން ދޫކޮށްލެއްވީ މި އަހަރުގެ ފެބްރުވަރީ މަހުގެ 17 ވަނަ ދުވަހު ކަމަށްވެސް އެޖީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ކުއްޔާއި މެއިންޓެނަންސް ފީ އާއި ޔުޓިލިޓީ ފީސްގެ ގޮތުގައި ޖުމްލަ 1،109،227.36 ރުފިޔާ ދައުލަތަށް އެކީ އެއްފަހަރާ ހޯދުމަށް އޭޖީ އޮފީހުން ސިވިލް ކޯޓަށް މިއަދު ވަނީ ހުށަހަޅާފައެވެ.