ބޮލީވުޑް ލޯބިވެރިންގެ ޖޯޑުން ޖާގަ ހޯދާފައިވާ ޒުވާން ބަތޮލާ ރީޗާ ޗައްޑާއާއި އަލީ ފަޒާލްގެ ކައިވެނި، މިއަހަރުގެ އޭޕްރިލް މަހު ކުރުމަށް ހަމަޖެހިފައިވާކަން ހާމަވެއްޖެއެވެ.

ރީޗާ ޗައްޑާއާއި އަލީ ފަޒާލްގެ ލޯބީގެ ގުޅުމުގެ މަންޒަރުތަކަކީ ބޮލީވުޑްގެ އެހެން ޖޯޑުތަކާ ހިލާފަށް އާންމު ޕްލެޓްފޯމުތަކުން އެހާ ގިނައިން ފެންނަ މަންޒަރުތަކެއް ނޫނެވެ. ނަމަވެސް މީގެ މަސްތަކެއް ކުރިން ރާއްޖެއަށް ކުރި ދަތުރެއްގައި ރީޗާ ޗައްޑާގެ ކައިވެންޏަށް އެދި އަލީ ފަޒާލް އެދުނު ވާހަކަ އާންމުވުމާއެކެ އެދެމީހުންގެ ކައިވެނީގެ ގޮށް ޖެހިގެންދާނެ ދުވަހަކާ މެދު ފޭނުންގެ މެދުގައި ހޫނު ބަހުސެއް ވަނީ ފަށާފައެވެ.

ރީޗާ ޗައްޑާއާއި އަލީ ފަޒާލްގެ ގާތް މަސްދަރަކާ ހަވާލާދީ ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި މި ދެ ލޯބިވެރިންގެ ކައިވެނީގެ ގޮށް ޖަހާލަން ހަމަޖެހިފައި އޮތީ އޭޕްރިލް މަހުގެ މެދެއްހާ ހިސާބުގައެވެ. އާއިލާ މެމްބަރުންނާ ގާތް ރަހުމަތްތެރިންނާއެކު ކައިވެނީގެ ހަފުލާ އޮންނާނީ އިންޑިއާގެ ވެރިރަށް ދިއްލީގައި ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން ބޮލީވުޑްގެ 'އެކުވެރިންނަށް' ހާއްސަ ޕާޓީއެއް، ފިލްމް ސިޓީ ނުވަތަ މުމްބާއީގައިވެސް އޮންނާނެ ކަމަށް ޚަބަރު ލިބެއެވެ.

ރީޗާ ޗައްޑާއާއި އަލީ ފަޒާލް އެންމެ ފުރަތަމަ ބައްދަލުވީ 2012 ވަނަ އަހަރު ފިލްމެއްގެ މަސައްކަތުގެ ތެރެއިން ކަމަށްވާއިރު، ދެމީހުން ލޯބީގެ ގޮތުން ގުޅުނީ 2015 ވަނައަހަރުއެވެ. ގުޅުން ރަސްމީކޮށް އިއުލާންކުރީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.