ކޮރޯނާވައިރަސްއާ ގުޅިގެން ދެ މީހަކު ކަރަންޓީން ކޮށްފައި ވާކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ޗައިނާއިން ރާއްޖެ އައި ދެ މީހަކު ކަރަންޓީން ކޮށްފައިވާ ކަމަށާއި ކަރަންޓީން ކޮށްފައި ވަނީ ރާއްޖެ ދެ މީހުން ކަމަށެވެ.

ކަރަޓީން ކުރެވުނު ދެ މީހުންވެސް ކަރަނަޓީން ކޮށްފައި ވަނީ ވައިރަސްގެ އެއްވެސް އަލާމާތެއް ފެނިގެން ނޫން ކަމަށާއި އެއީ ސަލާމަތާއި ރަށްކާތެރިކަމަށްޓަކައި، މިދިޔަ މަހުގެ ތިންވަނަ ދުވަހު ނެރުނު "ޓްރެވަލް އެޑްވައިޒަރީ" އަށް އަމަލު ކުރުމަށް ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނީ ކަރަންޓީން ކޮށްގެން މީހުން ބެހެއްޓުމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ވަގުތަކީ 14 ދުވަހުގެ މުއްދަތެއް ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެމީހުންގެ ހަށިގަނޑުން ވައިރަހުގެ އެއްވެސް އަސަރެއް ނުފެންނަނަމަ އަދި ޓެސްޓުތަކުންވެސް ނެގެޓިވްކޮށް ދައްކާނަމަ ދޫކޮށްލާނެ ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

ހަލުވި ކަމާއެކު ފެތުރޭ ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމަކީ ޗައިނާއަށް ވީ އިރު މިހާތަނަށް 2627 މީހުން މި ބަލީގައި ވަނީ މަރުވެފައި ވެއެވެ. ކޮރޯނާ ވައިރަސް ފެތުރެމުން ދިއުމާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު ޑައިރެކްޓް ފްލައިޓްތައް ހުއްޓާލާފައެވެ. ނަމަވެސް، ޓްރާންސިޓް ފްލައިޓުގައި އަދިވެސް ޗައިނާ ފަތުރުވެރިން ރާއްޖެ އާދެއެވެ.