ކޮރަލް ފެސްޓިވަލް 2020 ގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފިއެވެ.

މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް (އެމްސީއައި) އިން އިންތިޒާމުކޮށްގެން ކ.ތުލުސްދޫގައި މިއަދު ކުރިއަށް ގެންދިޔަ ‎މި ފެސްޓިވަލުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ތުލުސްދޫއަށް ކުރެއްވި ޒިޔާރަތުގައި، އެ ފެސްޓިވަލުގެ ތެރެއިން ކުރިއަށް ގެންދިޔަ ދެ ޕެނަލް ޑިސްކަޝަނެއް ބައްލަވައިލެއްވިއެވެ.

އަދި ފެސްޓިވަލްގައި ހިމެނޭ ބައެއް ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ، އެމަނިކުފާނުވަނީ ސްޓޯލްތަކުގައި ބަހައްޓާފައިވާ ރާއްޖޭގެ ސަގާފަތް ރަމްޒުކޮށްދޭ ބައެއް އުފެއްދުންތައް ބައްލަވައިލައްވާފައެވެ.

‎އެ ފެސްޓިވަލުގައި، އިންސާނުންގެ އަމަލުތަކުގެ ނަތީޖާއެއްގެ ގޮތުން ޖައްވަށް ބޭރުވާ ވިހަ ގޭސްތަކާއި ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އިންސާނުންގެ ދެމިތިބުމަށް ކުރާ އަސަރުގެ މައްޗަށް އަލިއަޅުވައިލާ އިލްމީ ބަހުސްތަކެއް ކުރިޔަށްގެންގޮސްފައިވެއެވެ.

އަދި ހާއްސަ ގޮތެއްގައި ކަނޑުގެ ފިނިހޫނުމިނަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އެ ފެސްޓިވަލުގެ ތެރެއިން ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި ވަނީ އަލިއަޅުވައިލާފައެވެ.

‎އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ އެ ފެސްޓިވަލުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، މިނިސްޓާ އޮފް ޓޫރިޒަމް ޢަލީ ވަހީދާއި، މިނިސްޓާ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ޒަހާ ވަހީދާއި، ރައީސް އޮފީހުގެ މިނިސްޓަރުން އަހުމަދު ނަސީމާއި މުހައްމަދު ޝިފާޒުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ތިމާވެށީގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ޖަމިއްޔާތަކުގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.