ޖަޕާން ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި އަލިފާން ނިއްވާ ވެހިކަލަކާއި ބައެއް އާލާތްތައް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އާއި ހަވާލުކޮށްފިއެވެ.

މިއަދު ހަވީރު ކަޅުތުއްކަލާ ކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ތަކެތި ޖަޕާނު ސަރުކާރުގެ ފަރާތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހަމަދު ދީދީ އާއި ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

އެ ތަކެއްޗަކީ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި ގާބިލްކަން އިތުރުކުރުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން، ޖަޕާން ސަރުކާރުގެ ނޮން ޕްރޮޖެކްޓް ގްރާންޓް އެއިޑްގެ ދަށުން ރާއްޖެއަށް ހަދިޔާކުރި ތަކެއްޗެވެ. މިއަދު ހަދިޔާކުރި ތަކެތީގެ ތެރޭގައި ފަޔާ ވެހިކަލަކާއި، ތިން ބްރީތިން އެޕޭރެޓަސް ސެޓް އަދި އެއް ތާމަލް އިމޭޖިން ކެމެރާ ހިމެނެއެވެ. މިއަދު ހަދިޔާކުރި ތަކެތީގެ އަގަކީ 1.3 މިލިއަން ދިވެހި ރުފިޔާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ޖަޕާނުން ހަދިޔާކުރި އަލިފާން ނިއްވަން ބޭނުންކުރާ އާލާތްތަށް / ފޮޓޯ: އެމްއެންޑީއެފް

އެ ތަކެއްޗަކީ މިދިޔަ އަހަރު ފެބްރުއަރީ މަހުގެ 19 ވަނަ އަހަރު ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ އާއި ޖަޕާނު ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ލިބުނު ތަކެއްޗެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ އިސްބޭފުޅުންނާއި ޖަޕާނު ސަރުކާރުގެ ވަފުދުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަތެވެ.