ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރުމުގެ ބިރުނެތް ކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ވިދާޅުވަމުން ގެންދަވަނިކޮށް، އެކަމުގެ އެއްވެސް މައުލޫމަތެއް ރައްޔިތުންނާއި ހިއްސާކުރުމެއްނެތި ކުއްލިއަކަށް އެ ވައިރަސް ފެތުރިދާނެކަމުގެ ބިރު އޮތްކަން ދޭހަވާ ގޮތަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސި (އެޗްޕީއޭ) އިން ބަޔަނެއް ނެރުމުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ގިނަ މީހުން އެއްވެގެން ހިންގާ ހަރަކާތްތައް ނުބޭއްވުމަށް އިލްތިމާސްކުރުމުރުމުން ދޭހަވަނީ ރާއްޖޭގައި އެ ބަލި ފެތުރޭނެކަމުގެ ބިރު އިންތިހާއަށް އޮތްކަން ކަމަށެވެ. މިކަމަށް ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އިދިކޮޅުން ބުނެއެވެ.
އަދި ރައްޔިތުން ހޭލުންތެރި ކުރުވުމަށް އެއްވެސް ކަމެއް ސަރުކާރަށް ކުރެވިފައި ނުވާއިރު، ވައިރަހާއި ގުޅިގެން ސަރުކާރުން ދެމުން ދިޔަ މައުލޫމާތުތައް މެދުކެނޑިފައިވާ ކަމަށް އިދިކޮޅުގެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ. އިދިކޮޅުންވަނީ ކޮރޯނާ ވައިރަސް ފެތުރުމުގެ ބިރު އޮތްކަމަށް ވާނަމަ އެކަމުގެ ހަގީގަތް ހާމަކޮށްދިނުމަށާއި، އެ ބައްޔާއި ގުޅޭ ފުރިހަމަ މައުލޫމަތު އޮޅުވާލުމެއް ނެތި ރައްޔިތުންނަށް ހާމަ ކޮށްދިނުމަށް އެދި ގޮވާލާފައެވެ.
އަދި އެބަލި ޖެހިދާނޭ އުމުރުގެ ހުރިހާ މީހުން އެމީހުންގެ ރައްކާތެރިކަމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުތައް މިހާރުން މިހާރަށް އެޅުމަށްވެސް އިދިކޮޅުންވަނީ ގޮވާލާފައެވެ. މީގެއިތުރުން މިފަދަ ބިރުވެރި ހާލަތެއް ރާއްޖޭގައިނެތް ކަމަށް ވާނަމަ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދިގެން ހިނގައިދާނެ ފަދަ ގޮތަކަށް ބަޔާންތައް ނެރުން ހުއްޓާލުމަށްވެސް ވަނީ އިދިކޮޅުން ގޮވާލާފައެެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނުގައި، ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖޭގައި ގިނަ މީހުން އެއްވެގެން ބާއްވާ އެއްވުންތައް ނުބޭއްވުމަށްވަނީ އިލްތިމާސްކޮށްފައެވެ. އެޗްޕީއޭއިން ބުނީ ދެކުނު އޭޝިއާގެ ގައުމުތަކުގައިވެސް އެ ވައިރަސް ފެނިފައިވާ ކަމަށާއި އެ ވައިރަސް އެގައުމުތަކުން ފެނުނީ ޗައިނާއަށް ދަތުރުކޮށްފައި ނުވާ ފަރާތްތަކުގެ ކިބައިން ކަމަށެވެ.
އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ހަތް ގައުމަކަށް ދަތުރު ކުރުމުގައި ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އެގޮތުން - ޖަޕާނާއި ސިންގަޕޫރާއި ހޮންކޮންގާއި ތައިލެންޑާއި އީރާނާއި ސައުތު ކޮރެއާގެ އިތުރުން އިޓަލީ ހިމެނެއެވެ.
މީގެއިތުރުންވެސް ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުން ބައެއް އެހެން ކަންކަމަށް ސަމާލުކަން ދިނުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ. އެއީ ދަތުރުކުރާ ގައުމެއްގައި ބަލި ފެތުރޭ މިންވަރާއި، އަދި ބަލި ފެތުރޭ ސަރަހައްދުތައް ދެނެގަތުމާއި، އެ ގައުމެއްގެ ސަރުކާރުން ރައްކާތެރިވުމަށް އެޅުމަށް އަންގާފައިވާ ފިޔަވަޅުތައް ދެނެގަތުމެވެ.