ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކުރާ ފަޅުރަށްތަކާއި ފަޅުތަކުގެ އެއްބަސްވުމުގެ މައުލޫމާތުތައް ހިއްސާ ކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ މިއަދު ޓޫރިޒަމް މިނިސްޓްރީއަށް އަންގަވައިފިއެވެ.

މި މައްސަލައަކީ އާއްމު ފަރާތެއް ކަމަށްވާ ޝިފްޒާ އުމަރު ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރާ ފަޅު ރަށްތަކާއި ފަޅުތަކުގެ ލީސް އެގްރިމެންޓާއި ސަބްލީޒް އެގްރިމެންޓުތަކުގެ ކޮޕީ ހޯދުމަށް ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހެޅުމުން، އެ މައުލޫމާތުތައް އެ މިނިސްޓްރީން ނުދިން މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅި މައްސަލައެކެވެ.

އެ މައްސަލާގައި މީގެކުރިންވެސް އިންފޮމޭޝަން ކޮމިޝަނަރު ވަނީ އާއްމުކޮށް ހުޅުވާލައިގެން އަޑުއެހުމެއް ބާއްވާފައެވެ. މިއަދު ވަނީ އެ މައްސަލައާ ގުޅިގެން ދެވަނަ އަޑުއެހުން ބާއްވާފައެވެ.

މައުލޫމާތުތައް ނުދިން މައްސަލާގައި ބޭއްވި އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު ވަނީ، ލީސް އެގްރިމެންޓުތަކުގެ މައުލޫމާތު ވީހާ ވެސް އަވަހަކަށް އެ މައުލޫމާތު ޝިފްޒާއަށް ދިނުމަށް ޓޫރިޒަމް މިނިސްޓްރީ އަށް އަންގާފައެވެ. އެހެންނަމަވެސް ސަބްލީސް އެއްބަސްވުންތަކުގައި އަމިއްލަ އެހެން ފަރާތްތަކުގެ މައުލޫމާތުތައްވެސް ހިމެނޭނެތީ އެ މައުލޫމާތުތައް ހާމަ ކުރުމަކަށް ކޮމިޝަނަރު ނާންގައެވެ.

މިއަދުގެ އަޑުއެހުމުގައި ޓޫރިޒަމް މިނިސްޓްރީން ވަޑައިގެންނެވި ބޭފުޅާ ވަނީ ޝިފްޒާ އެދުނު މައުލޫމާތުގައި އެހެން ފަރާތްތަކެއްގެ މަސްލަހަތު ހިމެނޭތީ އެ މައުލޫމާތު ދިނުމާއި ގުޅޭ ގޮތުން ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ދިނުމަށެވެ. ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރު އެ ފުރުސަތެއް ނުދެއްވިއެވެ. ވިދާޅުވީ އެ މައުލޫމާތު ދިނުމުގައި މިހާރުވެސް ލަސްވެފައިވާ ކަމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ބުނާގޮތުން، މައުލޫމާތަކަށް އެދޭތާ، ގިނަވެގެން 21 ދުވަހުގެ ތެރޭގައި އެ މައުލޫމާތު ފޯރުކޮށްދޭން ޖެހޭނެއެވެ. އެ ނިންމުމަށް ވެސް އަމަލުނުކޮށް 45 ދުވަސް ފާއިތުވެއްޖެ ނަމަ، އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވޭނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.