ނިއުޓްރިޝަނިސްޓުން ލަފާދޭ ގޮތުގައި ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން އެންމެ ރަނގަޅީ އިރުއޮއްސި 07:00ގެ ކުރިންނެވެ. މިކަމަށް އިޖާބަދީ، ބައެއް މީހުން އެ ޝެޑިއުލަށް ދިރިއުޅުން ބަދަލުކުރަން މަސައްކަތް ފަށައެވެ. ލުއި ކެއުމަކަށްފަހު އަވަހަށް ނިދޭތޯވެސް ބަލައެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ގިނަ ފަހަރު ނުވެއެވެ. ނިދިޖެހުނަސް މާ ގިނައިރުތަކެއް ނުވެ ހޭލެވެއެވެ. ސަބަބަކީ ނުފިލާ އޮތް ހައިކަމެކެވެ. ނިދޭތޯ ގަޑި ބަލަބަލާ އޮންނަ މީހުންނާ، ސޯޝަލް މީޑިއާއަށް ފީނާ މީހުން މަދެއް ނޫނެވެ. ނަމަވެސް އާޚިރު ނަތީޖާއަކަށްވަނީ ދަންވަރުގެ ވަގުތު ވަނުމުން އިތުރަށް ކެއްނުކުރެވި، ފުރިޖު ކައިރިއަށް ނުވަތަ ކާކެއަށް މިސްރާބު ޖަހަން ޖެހުމެވެ.

ދަންވަރު ކެއުމުގެ އާދަ އެންމެ ބޮޑަށް އަށަގަންނަނީ މަތީ ތައުލީމު ހާސިލުކުރާ ދުވަސްވަރުން ފެށިގެންނެވެ. ނުވަތަ ލަސްވަންދެން މަސައްކަތުގައި އުޅެން މަޖުބޫރުވާ ހިސާބުންނެވެ.

ދަންވަރު ގަޑީގައި ބަދިގެއަށް ވަދެ ކާއެއްޗެއް ތައްޔާރުކުރަން އުޅޭ މީހެއް/ފޮޓޯ: ވައިޓީއައި

ދަންވަރުގެ ވަގުތުތައް ކާގޭގައި ހޭދަކުރަންޖެހުމަކީ ނުވަތަ ކާ ގެއަށް ނިދިޔައެއް ކަމަކު ދަންވަރު ކާންޖެހުމަކީ ހިތާމަހުރި ކަމެކެވެ. އެހެނީ މި ވަގުތު ގިނަ ފަހަރަށް ކާން ލިބެނީވެސް ކޮންމެވެސް ކަހަލަ ކޫސަނި އެއްޗަކަށް ވާ ކަމެވެ. މިސާލަކަށް އިންސްޓަންޓް ނޫޑްލްސް ތައްޓެކެވެ. ނުވަތަ ތައްޔާރީ ޗިޕްސް މެކެޓެކެވެ. ނުވަތަ ކޮންމެވެސް ކަހަލަ ދަޅެކެވެ. ނަމަވެސް މިއީ މިފަދަ ގަޑިއެއްގައި ހަށިގަނޑަށް ދޭން ހެޔޮވާވަރުގެ އަނިޔާއެއް ނޫނެވެ.

ކަންމިހެން އޮތް ނަމަވެސް ރޭގަނޑު 07:00 ފެށިގެން އަނެއް ދުވަހުގެ ހެނދުނު 07:00 ޖެހުމާ ހަމައަށް އެއްޗެއް ނުކައި ހުރުމަކީ އެއް ދުވަހުން ހާސިލުވާނެ އަމާޒެއް ނޫނެވެ. އެހެންކަމުން، އެކަމަށް ހަށިގަނޑު ހާނަމުން ދާ ދުވަސްވަރު، ބޭނުން ކުރަން އެންމެ އެކަށީގެންވާ ސްނެކްތަކެއް ނުވަތަ ލުއިކާނާގެ ބާވަތްތަކެއް ދަސްކޮށްފައި އޮތުން މުހިންމެވެ.

ދަންވަރަށް އާދަޔާ ހިލާފަށް ބަނޑުހައިވާނަމަ ބޭނުން ކުރެވިދާނެ ބައެއް ތަކެތި

މޭވާ ޕޮޕްސިކަލް/ލޮލީ

މިއީ ދުވާލުގެ ވަގުތުތަކުގައި ނުވަތަ ހަފުތާ ތެރޭގައި ވަގުތުވާ މިންވަރަކުން ދުރާލާ ތައްޔާރުކޮށްފައި ބެހެއްޓިދާނެ އެއްޗެކެވެ. ނަމަވެސް ޕޮޕްސިކަލް އާއި ލޮލީ ތައްޔާރުކުރުމުގައިވެސް ސަމާލުކަން ދޭންވީ ހަކުރު ފަދަ ނޭދެވޭ މާއްދާތައް ބޭނުން ނުކޮށް، ހަގީގީ މޭވާއިން ލިއްބައިދޭ ގުދުރަތީ ރަހައިން ފޮނިކަން ގެނެސްދޭ ގޮތަށް މި ތަކެތި ތައްޔާރު ކުރުމަށެވެ. ބްލެންޑްކޮށްގެން ލޮލީ ތައްޔާރުކުރާނެ ވަގުތު ނުވާނަމަ ކަރާ ޒާތުގެ މޭވާއެއް މެގްނަމް ދަނޑިކޮޅަކަށް ހެޔޮވަރަށް ބުރިކޮށްލުމަށްފަހު ގަނޑުކޮށްފައި ބަހައްޓާށެވެ.

މޭވާ ޕޮޕްސިކަލް/ފޮޓޯ: ކެމްޑޯރާ

ދޮންކެޔޮ

ދޮންކޭލަކީވެސް ދަންވަރު ބަނޑުހައިވާނަމަ ބޭނުންކުރަން ރަނގަޅު މޭވާއެކެވެ. ބަނޑުހައިކަން ފިލުވައިދިނުމުގެ އިތުރުން ހަޖަމްކުރުމުގެ ނިޒާމަށްވެސް ދޮންކޭލުގެ ސަބަބުން އެހީތެރިކަން ލިބެއެވެ.

ގޭގައި އަމިއްލައަށް ތައްޔާރުކުރާ ޗޮކްލެޓް

މޭވާއަކީ މާ ގާތް ރައްޓެއްސަކަށް ނުވާނަމަ ނުވަތަ ކޮންމެ ރެއަކު މޭވާ ކާން ފޫހިވާނަމަ ގޭގައި އަމިއްލައަށް ޗޮކްލެޓް ތައްޔާރުކުރާށެވެ. މިއީ މާ އުނދަގޫ ކަމެއް ނޫނެވެ. ދިވެހި ބާޒާރުތަކުންވެސް ޗޮކްލެޓް ތައްޔާރުކުރާނެ ސާމާނު ފަސޭހަކަމާއެކު ގަންނަން ލިބެން އެބަހުއްޓެވެ. ސަމާލުކަން ދޭންވީ އަމިއްލައަށް ތައްޔާރުކުރާ ޗޮކްލެޓުގައި ކޮކޯ އެކުލެވޭ މިންވަރު ވީހާވެސް ގިނަ ކުރުމެވެ. ހަކުރު، ބަޓަރު އަދި ކްރީމް ފަދަ ތަކެއްޗަށް ބަރޯސާ މިންވަރު ވީހާވެސް ކުޑަކުރުމެވެ.

މީހަކު ޗޮކުލެޓް ރަހަބަލަނީ/ފޮޓޯ: ވީޑިއޯ ބްލޮކްސް

އޯޓްމީލް

ކުޑަކުޑަ ސްނެކްއަކުން ބަނޑަށް އެނގުން ނުވާނަމަ އެންމެ ރަނގަޅު ގޮތަކީ އޯޓްމީލްތައްޓެކެވެ. ކިރުގައި ފޯކޮށްފައި ހުރި އޯޓްމީލް ޕޯޝަންއަކަށްވުރެ ބަނޑަށް ބަރު ނުކުރާށެވެ. ފޮނިރަހައެއް ބޭނުންކަމަށް ވަނީ ނަމަ، ހަކުރުގެ ބަދަލުގައި މޭވާ ބޭނުން ކުރާށެވެ. އަދި ބޭނުންކުރާ ކިރަކީވެސް ހަކުރު އެކުލެވިގެން ނުވާ ކިރުކަން ޔަގީންކުރަންވާނެއެވެ.

ހިއްކި މޭވާ

މިއީވެސް ސްނެކްއެއް ނުކައި ފަރުނުޖެހޭ މީހުންނަށް އޮތް ހައްލެކެވެ. މިއީ ހަށިގަނޑުގެ މެޓަބޮލިޒަމް ރޭޓްވެސް ރަނގަޅުކޮށްދޭ ބާވަތެކެވެ. ހިއްކި މޭވާއާއިއެކު ހަނާކުރި ކެޝޫއާއި އާމަންޑްސް ފަދަ ބަދަނުގެ ބާވަތެއްވެސް ބޭނުން ކުރެވިދާނެއެވެ. ސަމާލުކަން ދޭންވީ ކޮންމެ އެއްޗެއްވެސް ތައްޔާރުކުރާ ގޮތަށެވެ. މޭވާވެސް ހިއްކަނީ ހަކުރު އެޅުމަށްފަހުގައި ނޫންކަން ޔަގީން ކުރާށެވެ. އަދި ހަނާކުރި ނަޓްސްއަކީވެސް ލޮނާއި އެނޫންވެސް އެފަދަ ތަކެތި ބޭނުން ނުކޮށް ތައްޔާރުކޮށްފައިވާ އެއްޗެއްކަން ކަށަވަރު ކުރަންވާނެއެވެ.

އެކި ކަހަލަ ނަޓްސްއަކީ ހަށިގަނޑަށް ފައިދާހުރި އެއްޗެއް/ފޮޓޯ: ގެޓީއިމޭޖަޒް

ސްނެކްއަށް ބަރޯސާވުމަކީ ދާއިމީ ކަމަކަށް ނުހަދާށެވެ. ކަންކަން ދަސްކުރަން ހަށިގަނޑަށް ވަގުތު ދެމުން، ސްނެކް ބޭނުން ކުރާ މިންވަރުވެސް މަދުކުރާށެވެ. މަދުކުރަމުން ގޮސް، ފުރިޖު ކައިރިއަށް ދަންވަރު ކުރަންޖެހޭ ދަތުރު މުޅިން ހުއްޓާލެވުން އޮންނާނީ ދެން މާ ދުރަކު ނޫނެވެ.