ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ބައްލަވައިދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގެންފިއެވެ.

އިތުބާރު ހުރި މަސްދަރަކުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، ދާދި ފަހުން އަލީ ވަހީދުކަމަށް ބުނާ މީހަކު ދައްކާފައި ހުރި ވާހަކަތަކާ ގުޅިގެން ރައީސް ސޯލިހަށް ނަހުލާ މައްސަަލއެއް ހުށަހަޅުއްވާފައިވާ ކަމަށެވެ. ލީކް ވެފައިވާ އޯޑިއޯގައި ނަހުލާއާ ގުޅޭ ގޮތުން އަލީ ވާހީދު ކަމަށް ބުނާ ފަރާތުން ވަނީ ބޭއަދަބީ ބަސް ބޭނުން ކޮށްފައި ކަމަށާއި އަދި އަބުރު ގެއްލޭ ފަދަ ވާހަކަތަކެއް ދައްކާފައި ކަމުން އެ މައްސަލަ ބައްލަވާ ދެއްވުމަށް ނަހުލާ އެދިވަޑައިގެންފައިވާ ކަމަށް އެފަރާތުން ބުނެއެވެ.

ނަހުލާއަކީ ޖޭޕީގެ ލީޑަރު ގާސިމްގެ އިބްރާހިމްހެ އަނބިކަނބަލުންނަށް ވީއިރު، އަލީ ވަހީދަކީ ޖޭޕީގެ ރައީސެވެ. އެ އޯޑިއޯ ލީކްވުމާއެކު އެތައް ބަޔަކު ވަނީ އަލީ ވަހީދަށް ފާދުކިޔައި، އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައިފައެވެ. ނަމަވެސް އެ ތުހުމަތުތައް އަލީ ވަހީދު ވަނީ ދޮގުކުރައްވާފައެވެ.

މިކަމާ ގުޅިގެން ޖޭޕީގެ ޗީޕް ސްޕޯކްސް ޕާސަން އަލީ ސޯލިހް 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ގޮތްތަކެއް ނިންމަވާ ދެއްވާފައި ކަމަށެވެ. ލީކްވެގެން އުޅޭ އޯޑިއޯގެ މައްސަލައިގައި ހިމެނިވަޑައިގަންނަވަނީ ކެބިނެޓު ވަޒީރުން ކަމަށާއި އެހެންކަމުން އެއީ ޖޭޕީން ވަކި ގޮތެއް ނިންމެވޭނެ ކަމެއް ނޫން ކަމަށް އެ ޕާޓީގެ ކައުންސިލު ބައްދަލުވުމުގައި ގާސިމް ވިދާޅުވެފައިވާ ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.

މީގެއިތުރުން އަލީ ސޯލިހް ވިދާޅުވީ، މިނިސްޓަރު ނަހުލާއަކީ ވަރަށް ގާތްކޮށް ޖޭޕީގެ ކައުންސިލްގެ ބޭފުޅުންނާއެކު މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި ނަހުލާ އަކީ ވަރަށް ހިތްހެޔޮކަމާއެކު ވާހަކަ ދައްކަވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން އެގޮތަށް ގާތްކޮށް ވާހަކަ ދެއްކެވުމުން އެކަމުގެ ނާޖާއިޒް ފައިދާ ނަގާ ބޭއަދަބީ ގޮތުން ވާހަކަ ދައްކަން ނުޖެހޭ ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.

ދައުރުވަމުންދާ އޯޑިއޯގައި އަލީ ވަހީދު ކަމަށް ބުނާ ފަރާތުން މިނިސްޓަރު ނަހުލާއަށް ގުޅުއްވާ "މާބޮޑަށް ހަނދާންވާތީ" ގުޅުއްވީ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައެވެ. އެ އޯޑިއޯގައި ނަހުލާ، އަލީ ވަހީދުގެ އޮފީހަށް ވަޑައިގަތުމަށާއި ނަހުލާ އިންނެވި ބައްދަލުވުމެއް ނިންމަވާލެއްވުމަށް ފަހު މެސެޖެއް ކޮށްލެއްވުމަށްވެސް އަލީ ވަހީދު ވިދާޅުވެއެވެ.

އަލީ ވަހީދު ކަމަށް ބުނާ މީހެއްގެ ގިނަ އޯޑިއޯތަކެއް ލީކުކޮށްލާފައި ވާއިރު، އެއިން ބައެއް އޯޑިއޯތަކުގައި ވަނީ ކެބިނެޓުގެ ވަޒީރުންނާ ގުޅޭ ގޮތުން ބޭއަދަބީކޮށް ވާހަކަދައްކާ ހުތުރު ބަސްތައް ބޭނުންކޮށްފައެވެ. ލީކްވި އޯޑިއޯއެއްގައި ޖިނާއީ އަމަލަކަށް ތުހުމަތު ކުރެވޭ މުއާމަލާތެއް ހިމެނޭތީ އެކަން މިހާރު ފުލުހުން އަންނަނީ ބަލަމުންނެވެ.

މި އޯޑިއޯތަކާ ގުޅޭ ގޮތުން، ނަހުލާގެ ފިރިކަލުން ގާސިމް ވިދާޅުވެފައި ވަނީ އެ ކަމުގައި ގޮތް ނިންމަވާނީ ރައީސް ސޯލިހު ކަމަށެވެ.