ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ ހުޅުދޫ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓް އައްބާސް ވާފިރު (އައްބާއް) ގެ ކެމްޕޭން ޖަގަހައެއް މާލޭގައި ހުޅުވައިފިއެވެ.

މާލޭގައި ހުޅުވި އައްބާސްގެ ކެމްޕޭން ޖަގަހައަށް ނަން ދީފައިވަނީ "އަފިރިންގެ ކައުންސިލް އަފިންނަށް" ގެ ނަމުންނެވެ.

ރަށު ބަހުން ޖަގަހައަށް ނަންދީފައިވާ އިރު އެ ބުނާ ބަހުގެ މާނައަކީ އަހަރެމެންގެ ކައުންސިލް އަހަރެމެންނަށް މިހެންނެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އައްބާސް ބުނީ، އައްޑޫ އަތޮޅުގައި ޖުުމްލަ ހަ ރަށެއް އޮންނައިރު މެޖޯރިޓީ އޮންނަނީ ހިތަދޫގައި ކަމަށެވެ. ހުޅުދޫ ރައްޔިތުންނަށް އެތައް މަންފާތަކެއް ހޯދައިދިނުމުގެ މަގްސަދުގައި ހުޅުދޫ ދާއިރާގައި 7 މެންބަރުން ހިމެނޭގޮތަށް ކައުންސިލެއް އޮތުމަށް ވަކާލާތު ކުރާނެ ކަމަށް އައްބާސް ބުނެއެވެ.

"6 ރަށަށް ބަހާލެވިފައިވާ އައްޑޫ އަތޮޅުގެ މިވަގުތު ކައުންސިލުގެ މެޖޯރިޓީ އޮތީ ހިތަދޫގައި. އެގޮތުން އަޅުގަނޑުމެންގެ ރަށުގައި 7 މެންބަރުންގެ ކައުންސިލެއް އޮތުމަށް އަޅުގަނޑު ވަކާލާތު ކުރަނީ. އެކަމުން ހުޅުދޫގެ ރައްޔިތުންނަށް ފައިދާތަކެއް ލިބިގެންދާނެ ކަމެއް"
އައްބާސް ވާފިރު

ހުޅުދޫއާއި މީދޫއަކީ އައްޑޫ އަތޮޅުގެ އެހެން ރަށްރަށާ ވަކިން އޮންނަ ދެ ރަށެވެ. އެހެންކަމުން އެރަށުގައި ދިރިއުޅޭ ގިނަ ބަޔަކަށް އެތައް ކަމެއްގައި ދަތިތަކާއި އުނދަގޫތައް އެބަހުރިކަން އައްބާސް ފާހަގަކުރިއެވެ. ބޭސްފަރުވާ ކުރުމަށާއި ބައެއް ހިދުމަތްތައް ހޯދުމަށް ހިތަދޫއަށް ދާންޖެހޭ ޖެހުމަކީ އެތައް ރައްޔިތުންނެއްގެ ޝަކުވާއެވެ. މި ކަންކަމަށް ވަކާލާތުކޮށް ރައްޔިތުން ކައިރީ ވައުދުވެ އެ ވައުދުތައް ފުއްދުމަށް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުތީވެސް އެކަންކަން ހާސިލް ކުރުމުގެ ވަރުގަދަ އަޒުމެއްގައި ކަމަށް އައްބާސް ބުނެއެވެ.

އައްބާސަކީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރުން ހޮވުމުގައި އިސްކޮށް 3 ދައުރެއްގެ މަތިން ތަފާތު 2 ފިކުރުގެ ކެނޑިޑޭޓުންނާއެކު މަސައްކަތް ކޮށްފައިވާ މީހެކެވެ. ހުޅުދޫ ދާއިރާއަށް ކުރިމަތިލީ އިލްޔާސް ލަބީބާއި ޝާހިދުގެ ކެމްޕޭންގައި ބައިވެރިވެ ވަރަށް ގާތުން މަސައްކަތް ކޮށް ކާމިޔާބު ހޯދައިދިނުމުގެ ތަޖުރިބާ ލިބިފައިވާ މީހެކެވެ. އަދި ސިޔާސީ ކަންކަމުގައި ޒުވާނުންގެ މަގުބޫލުކަން ލިބިފައިވާ މީހެކެވެ.

"ޕާޓީއަކަށް މީހުން އައްޔަން ކުރުމައްޓަކައި ނުވަތަ ވޯޓު ހޯދުމަށް އަޅުގަނޑު އަމިއްލައަށް އަމަލީ ގޮތުން އެންމެ އިސް ސަފުގައި މަސައްކަތް ކުރިން. މިހާރު އެކަން ކޮށްކޮށް އަޅުގަނޑު ވަރުބަލި ވެއްޖެ. އެހެންވެ ބޭނުންވީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަން."
އައްބާސް ވާފިރު

ސިޔާސީ ފަރާތްތަކާ ގުޅިގެން އެންމެ އިސް ސަފުގައި މަސައްކަތް ކުރި ކަމަށާއި އަދި އެގޮތަށް ކަންކަން ކޮށް ފަހުވަގުތު ހުރިހާ ކަމެއްވެސް ނިމިގެންދާ އިރު އޮންނަނީ ޕާޓީގެ ފިކުރަށް ކަންކަން ކޮށްދޭންޖެހޭ އުސޫލުކަމަށް އޭނާ ބުނެއެވެ. އެހެންކަމުން އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާގޮތަށް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުތުމަށް ނިންމީ ކަމަށް އައްބާސް ބުނެއެވެ.

މާލޭގައި މިހާރު ޖަގަހައެއް ހުޅުވާފައިވާއިރު ކުރިއަށް އޮތް ހަފްތާ ބަންދުތެރޭ ހުޅުދޫގައި ޖަގަހައެއް ހުޅުވާނެކަމަށް އޭނާ ބުނެއެވެ. އަދި "ސްލޯގަންއެއްގެ" ގޮތުގައި އަފިރިންގެ ކައުންސިލް އަފިންނަށް ބޭނުން ކުރާނެ ކަމަށާއި ހަފްތާ ބަނދުތެރޭ ހުޅުދޫން ރައްްޔިތުންނާ ބައްދަލު ކުރާނެކަމަށް އައްބާސް ބުނެއެވެ.

ތައުލީމީ ދާއިރާއިން އައްބާސް ވަނީ ޕާކިސްތާނުގެ ކަރާޗީގެ އެންމެ ބޮޑު ޔުނިވާސިޓީ ކަމަށްވާ "ޕީއެންއެސް ކަރްސަޒް" އިން "ޓެކްނިކަލް" ދާއިރާގެ "މެކޭނިކަލް އެންޑް އިލެކްޓްރޯނިކްސް ފޯ ދަ ނާވީސް" އިން ތައުލީމު ހާސީލް ކޮށްފައެވެ.

ހުޅުދޫގެ ރައްޔިތުންގެ ހައްގުގައި ކޮށްދިނުމަށް އައްބާސް ވައުދުވެފައިވާ ކަންތައްތައް:

  1. ލާމާރުކަޒީ ގާނޫނުގެ ތެރެއިން ލިބެންޖެހޭ ހުރިހާ ހައްގެއް ހޯދުން ލާމަރުކަޒީ ގާނޫނުން ލިބެންޖެހޭ 7 މެންބަރުންގެ ކައުންސިލެއް ހޯދަން މަސައްކަތްކުރުން.
  2. ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތް ހޯދުމަށް ހިތަދުއަށް ނުގޮސް ހުރިހާ ކަމެއް ގާތުން ހޯދައިދިނުން.
  3. ހުޅުދޫގެ ތަރައްގީއަށް އޮންނަ ބަޖެޓް ސީދާ ހުޅުދޫގެ އެކައުންޓަށް ފޮނުވޭގޮތް ހަދައިދިނުން.
  4. ހުޅުދޫގައި ހިންގޭ ހުރިހައި ޕްރޮޖެކްޓެއް ހުޅުދޫގެ ވިޔަފާރިވެރިންނަށާއި ރައްޔިތުންނަށް ލިބޭގޮތަށް އިވެލުއޭޝަން ކުރައިޓީރިއާ ނުވަތަ ޕޮއިންޓް ސިސްޓަމް ބަދަލުކުރުން.
  5. ހުޅުދޫގައި ހިންގާ ޕްރޮޖެކްޓްތަކަށް ގަންނަ ސާމާނު ހުޅުދޫގެ ފިހާރަތަކުން ގަނެވޭގޮތް ހެދުން.
  6. ހުޅުދޫގައި ކުޅިވަރުކުޅޭ ހުރިހައި ކުލަބް ޖަމްއިއްޔާ ޖަމާއަށްތަކަށް އަމާޒްކޮށް އޮފީސް ކޮޕްލެކްސްއެއް އަޅައިދިނުމާއި ހުޅުދޫގެ ސްކޫލު ނިންމާ، އަދި ކޮލެޖު ޔުނިވަސިޓީ ނިންމާ ދަރިވަރުންނަށް ވިޔަފާރިއަށް ވަދެވޭގޮތަށް ލުއިލޯނު ހޯދައިދީ، އެކުދިން ވިޔަފާރިކުރާނެ މަރުކަޒެއް ނުވަތަ ބާޒާރެއް ހަދައިދިނުން.
  7. ހުޅުދޫއިން ގެދޮރު ބޭނުންވާ ޒުވާނުންނަށް ގެދޮރު އެޅުމަށް ބިން ކަނޑައަޅައި ދިނުން.