ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ކެމްޕޭން "ރަށްވެހި ފަތިސް" އިފްތިތާހް ކުރުމަށް ބޭއްވި ޖަލްސާއިން އެމްޑީޕީން މުއިއްޒު ބަލައިގެންފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެވެ.

ޖަމީލު ވިދާޅުވީ ރޭގެ ޖަލްސާއިން ބައެއް ބޭފުޅުންގެ ހާސްކަން ފެނިވަޑައިގެންނެވި ކަމަށާއި "މިނިމަމް ވޭޖް" ނުވަތަ އެންމެ ކުޑަ އުޖޫރަ އާއި ހަމައިން އެމްޑީޕީގެ ބަސް ހުއްޓުނު ކަމަށެވެ. އަދި މުޅި ޖަލްސާގެ އަމާޒް މުއިއްޒާ ދިމާލަށް ހިފުމުން މުއިއްޒުގެ ހިދުމަތް އެމްޑީޕީންވެސް ބަލައިގަނެފައިވާ ކަމަށް ޖަމީލު ވިދާޅުވެއެވެ.

އަދި މޭޔަރުގެ ގޮނޑި ވާދަވެރިވެއްޖެކަން އެމްޑީޕީން އަމިއްލަ އަށް އިއުލާންކޮށްފައިވާ ކަމަށާއި "މޭވާ އަޅާ ގަހަކީ" މުއިއްޒުކަން އެނގިވަޑައިގެންފި ކަމަށްވެސް ޖަމީލު ވިދާޅުވެފައިވެއެވެ.

ބައެއް ބޭފުޅުންގެ ހާސްކަން ރޭގައި ފެނުނު. އެންމެ ކުޑަ އުޖޫރައާ އެކު ބަސް ހުއްޓުނު. މުޅި ޖަލްސާގެ އަމާޒް ޑރ. މުއިއްޒުއާ ދިމާލަށް ހިފުމުން މުއިއްޒުގެ ޚިދުމަތް އެމްޑީޕީންވެސް ބަލައިގަނެ، މޭޔަރުގެ ގޮނޑި ވާދަވެރިވެއްޖެކަން އަމިއްލަ އަށް އިއުލާންކޮށްފި. މޭވާ އަޅާ ގަސް އެނގިއްޖެ
ޖަމީލް

ޖަމީލު އެހެން ވިދާޅުޅުވެފައި ވާއިރު، ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވެފައި ވަނީ މުއިއްޒަށް "ހޮޅި" މުއިއްޒުގެ ނަމުން މުހާތަބު ކުރައްވާފައެވެ. ނަޝީދު ވިދާޅުވީ ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން މުއިއްޒު ކުރެއްވި ކަަމަކީ މާލެސިޓީ "ހަލާކު" ކޮށްލެއްވުން ކަމަށެވެ. މާލެ ހަލާކު ކޮށްލުމުގެ އެންމެ އިސް މޭސްތިރިއަކަށް ހުންނެވީވެސް މުއިއްޒު ކަމަށް ވިދާޅުވެ ވަނީ ވާހަކަ ދައްކަވާފައެވެ.

ލާމަރުކަޒީ ގާނޫނަށް ކުރީގެ ސަރުކާރުން ގެނައި އިސްލާހުގެ ސަބަބުން ކައުންސިލްތަކުގެ ބާރު ސަރުކާރަށް ނެގުމުން އެކަމަށްވެސް ފާޑު ވިދާޅުވެ ނަޝީދު ވިދާޅުވެފައި ވަނީ ފަސް އަހަރު ދުވަސް ވަންދެން މާލެގެ ބާރުތައް ނެންގެވުމަށްފަހު މުއިއްޒު ބޭނުން ގޮތެއް މާލެސިޓީއަށް ހެއްދެވުމަށްފަހު ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން ވަޑައިގަންނަވަން "ލަދު" ގަންނަންޖެހޭނެ ކަމަށެވެ.

މާލޭގެ ރައްޔިތުންގެ ގާތަށް މުއިއްޒު ވޯޓަށް ހޯދުމަށް ވަޑައިގެންނެވި ނަމަވެސް އެ ރައްޔިތުންގެ ފަރާތުން މުއިއްޒަށް ލިބޭނެ އެއްވެސް ވޯޓެއް ނޯންނާނެ ކަމަށާއި ޕީޕީއެމްގެ ސަރުކާރުން އެޅި ސިނަމާލެ ބްރިޖު "އޯކޭ" ވި ނަމަވެސް "މުއިއްޒުގެ އައުވާނުންނަށް ބެއްސެވި 7،000 ފްލެޓު" އޯކޭ ނޫން ކަމަށް ވިދާޅުވެ ނަޝީދު ވަނީ ވާހަކަ ދައްކަވާފައެވެ.