އެމްޑީޕީން ކުރަންވީ ކަމަކީ ބަލާއި އަމަލު ދިމާކުރުން ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ވިދާޅުވީ ރައްޔިތުންނަށް ވީ ވައުދުތަކުން ކުޑަ މިންވަރެއް ނަމަވެސް ފުއްދައިދިނުމަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އިހުލާސްތެރިވުމަށެވެ. މަންޒަރު ބަދަލު ކުރާނީ ރައްޔިތުން ކަމަށާއި މުއިއްޒު ދެކެ ރުޅި އައިސްގެން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށްވެސް ޝިޔާމް ވިދާޅުވެއެވެ.

ޝިޔާމް އެހެން ވިދާޅުވެފައި ވަނީ އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެޕްމޭން އިފްތިތާހުކުރުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ބައިވެރިވި މީހުން މަދުވުމުގެ ސަބަބުންނެވެ.

ރޭގެ ޖަލްސާ ފެޑިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވައި ނިމުނު އިރުވެސް އެތަނުގައި ގިނައީ ހުސް ގޮނޑިއެވެ. ފުރުނީ ގާތްގަނޑަކަށް 8 ބަރިއެވެ. މިއީ ފަހުގެ ތާރީހެއްގައި އެންމެ މަދު އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި އެމްޑީޕީގެ ޖަލްސާއެވެ.

އެ ޖަލްސާގައި މީހުން މަދުވެފައި ވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އެއް ފަހަރާ ބޭއްވި ޖަލްސާތަކަށް މާލޭން މީހުން ދިޔުމުން ކަމަށް އެއް ބަޔަކު ބުނަމުން އަންނައިރު އަނެއް ބަޔަކު ބުނަމުން އަންނަނީ މިއީ ދިވެހިންގެ މެދުގައި އެމްޑީޕީއަށް އޮތް ތާއީދު ކުޑަވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވެފައި ވަނީ ދިވެހި ރައްޔިތުންގެ ކިބައިން ޕީޕީއެމް އަށް ކައުންސިލް ގޮނޑިއެއް ނުދިނުމަށާއި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންތިހާބަކީ އެމްޑީޕީ ޕްރައިމަރީ ކަމަށާއި އެ އިންތިހާބު ނިމުމުން ކައުންސިލް އިންތިހާބު ހަގީގަތުގައި ނިމިފައިވާ ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވަނީ ޑރ. މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފައެވެ. ނަޝީދު ވިދާޅުވީ މި ފަހުން މާލެ ހަލާކުކޮށްލުމުގެ އެންމެ އިސް މޭސްތިރިއަކީ މުއިއްޒު ކަމަށާއި ކުޑަވެސް ލަދެއް ހުރިނަމަ މާލޭ ރައްޔިތުންގެ ގާތަށް ވޯޓު ހޯއްދަވަން ވަޑައިގަންނަވަން ކެރިވަޑައި ނުގަންނަވާނެ ކަމަށެވެ.

އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވަނީ ޑރ. މުއިއްޒެވެ. އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާނީ އެ ޕާޓީގެ ކުރީގެ އެސްޖީ އަނަސް އަބްދުއްސައްތާރެވެ.