އެމްޑީޕީން ވީ ވައުދު ކުރި ހުވާ އުވާލާ ވީ އިގުރާރު އުވާލުމުން އެމްޑީޕީއަށް އޮތް ލޯބި އޮޔާ ނުދާނެތޯ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ސުވާލުކުރައްވައިފިއެވެ.
ޖާބިރު އެހެން ވިދާޅުވެ ސުވާލު ކުރައްވާފައި ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ކެމްޕޭން "ރަށްވެހި ފަތިސް" އިފްތިތާހް ކުރުމަށް ރޭ ބޭއްވި ޖަލްސާގައި މަދު އަދަދެއްގެ ބަޔަކު ބައިވެރިވުމާ ގުޅިގެންނެވެ.
ކާނިވާ ސަރަހައްދުގައި މާލެ ޖަލްސާ ކުރިއަށް ދިޔައިރު އެ ޖަލްސާގައި ބައިވެރިވެފައި ވަނީ އެހެން ޖަލްސާތަކާ އަޅާކިޔާލާއިރު މަދު އަދަދެއްގެ ބައެކެވެ. ރޭގެ ޖަލްސާ ފަށައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވައި ނިމުނު އިރުވެސް އެތަނުގައި ގިނައީ ހުސް ގޮނޑިއެވެ. މިއީ އެމްޑީޕީގެ ޖަލްސާއެއްގައި އެންމެ މަދު އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި ޖަލްސާއެވެ.
އެއްބަޔަކު ގަބޫލުކުރާ ގޮތުގައި އެ ޖަލްސާގައި މީހުން މަދުވި ސަބަބަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އެއް ފަހަރާ ބޭއްވި ޖަލްސާއަކަށް ވުމުން މާލޭން ބަޔަކު އެ ޖަލްސާތަކަށް ގޮސްފައިވުމުންނެވެ. މާލޭ ޖަލްސާގައި މީހުން މަދުވުމަކީ ވެދާނެ ގޮތް ކަމަށް އެއް ބަޔަކު ބުނަމުންދާއިރު، އަނެއް ބަޔަކު ބުނަމުން އަންނަނީ މިއީ ދިވެހިންގެ މެދުގައި އެމްޑީޕީއަށް އޮތް ތާއީދު ކުޑަވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ.
އެކަމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން އަމާޒުވެފައިވާއިރު އިދިކޮޅުން ބުނަމުން ދަނީ ރާއްޖޭގެ ރައްޔިތުން އެމްޑީޕީމަތިން ފޫހިވެ އަންނަ އިންތިހާބުގައި އިދިކޮޅަށް ކާމިޔާބީ ލިބޭނެ ކަމަށެވެ.