ލޯކަލް ކައުންސިލް އިންތިހާބަށްފަހު ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަކަށް ބަދަލު ކުރާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި މިހާރު ސަރުކާރުގެ ފަރާތްތަކުން ރައްޔިތުން ގާތުގައި ވައުދުވީ ދައުރުގެ މެދުތެރެއިން ރިޔާސީ އިންތިހާބެއް ބާއްވާނެ ކަމަށެވެ. އަދި އެކަމުގެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް ބުނެ ރައްޔިތުން ގާތު އެތައް ވައުދެއް ވަމުންދިޔަ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށްފަހު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާނެ ކަމުގެ މަންޒަރުތައް މިހާރުވެސް ފެންނަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ދައުރުގެ މެދުތެރެއިން އިންތިހާބެއް ބޭއްވެން އޮތީ ދިވެހި ރައްޔިތުންނަށް ކަމަށާއި އެކަން ކުރެވެން އޮތީ ކައުންސިލް އިންތިހާބު އިދިކޮޅަށް ކާމިޔާބު ކުރެވިގެން ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްއަށް ރައްޔިތުން ކައުންސިލް އިންތިހާބު ދިނުމަކީ ދައުރުގެ މެދުތެރެއިން އިންތިހާބެއް ބާއްވަންޖެހޭ ކަމަށް ރައްޔިތުން ސަރުކާރު ގާތުގައި ބުނުން ފަދަ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ކައުންސިލް އިންތިހާބުގައި މި ސަރުކާރަށް ރައްޔިތުންގެ ވަރުގަދަ މެސެޖެއް ދޭން ޖެހޭ ކަމަށެވެ. އެގޮތުން ބޭނުންވި ތަރައްގީ އާއި އިގްތިސާދީ ތަރައްގީ އާއި އިޖުތިމާއީ އަދާލަތާއި އިންސާފު މި ސަރުކާރަށް ހޯދައި ނުދެވުނު ކަމަށް ރައްޔިތުން ކައުންސިލް އިންތިހާބުގައި ބުނަންޖެހޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ދައުރުގެ މެދުތެރެއިން އިންތިހާބެއް ބާއްވަން އިދިކޮޅުން ގޮވާލިއިރު ސަރުކާރު ކޯލިޝަން ހުރިހާ ލީޑަރުންވެސް ވިދާޅުވަމުން ގެންދަނީ ފަސް އަހަރުގެ މި ދައުރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ އެމަނިކުފާނު ވެރިކަން ހިންގެވުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.