ސްރީލަންކާގައި 2019 ވަނަ އަހަރުގެ އޭޕްރިލް މަހު ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ހަތަރު ދިވެހިން ހައްޔަރު ކޮށްފައި ވާކަމަށް އެގައުމުގެ ނޫސްތަކުން ބުނެފައިވާ ވާހަކަތަށް ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުން ބުނީ ހަތަރު ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށް އެއްވެސް އިދާރާއަކުން މިހާތަނަށް ކަށަވަރުކޮށްދީފައި ނުވާކަމަށާއި އެއީ ދޮގު މައުލޫމާތެއް ކަމަށެވެ.

އަދި ޓެރަރިޒަމައާއި ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅުންގުރި އެހެން މުއައްސަސާތަކާއި ގުޅިގެން ގައުމީ ފެންވަރުގަ އާއި ބައިނަލްއަގުވާމީ ފެންވަރުގައި ކުރަންޖެހޭ އެންމެހާ މަޒައްކަތްތަކެއް ފުލުހުން ކުރަމުންދާ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދޭ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އެކަން ދޮގުކޮށްފައިވާއިރު އެގައުމުގެ ނޫސްތަކުން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން 153 މީހަކު ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވެއެވެ.

ލަންކާ ޕޮލިސް ލީގަލް ޑިވިޝަންގެ ވެރިޔާ ޑީއައިޖީ އަޖިތު ރޮހާނައާ ހަވާލާދީ "ނިއުސް ފަސްޓް" ގައިވާ ގޮތުން އޭޕްރިލް 21 ގައި ދިން ހަމަލާތަކާ ގުޅިގެން މިހާތަނަށް 216 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި ހަތް އަންހެނުން ހިމެނެއެވެ.

ރޮހާނައާ ވިދާޅުވި ގޮތުގައި އެ 216 މީހުންގެ ތެރެއިން 153 މީހެއްގެ މައްޗަށް ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން މުއްދަތު ޖަހާފައެވެ. އަދި އޭގެ ތެރޭގައި ހަތަރު ދިވެހިން ހިމެނެއެވެ. ނަމަވެސް އެމީހުންނާ ބެހޭ އިތުރު މައުލޫމާތެއް އަދި އެމީހުން ހައްޔަރު ކޮށްފައިވާ މުއްދަތެއް އެ މީޑިއާއަކުން ހާމަކޮށްފައެއް ނުވެއެވެ.

ރޮހާނައާ ވިދާޅުވި ގޮތުގައި އެހަމަލާތައް ތަހުގީގު ކުރުމުގައި އިންޓަޕޯލް އާއި އެމެރިކާގެ އެފްބީއައި އާއި އޮސްޓްރޭލިއަން ފެޑެރަލް ޕޮލިހުން ދަނީ އެހީވަމުންނެވެ.