ދިވެހިރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6،400 ރުފިޔާ ދިނުމަށް މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން އިކޮނޮމިކް މިނިސްޓަރަށް ލަފާދީފިއެވެ.

މިނިސްޓާ ފައްޔާޒް އިސްމާއިލް ވިދާޅުވެފައި ވަނީ މިނިމަމް ވޭޖާ ގުޅޭ ގޮތުން ލަފާދޭ ބޯޑުން ހުށަހަޅާފައިވާ އަދަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި އެމަޖިލީހުގެ ލަފައެއް ހޯއްދަވާނެ ކަމުގައެވެ.

އޭނާ ވިދާޅުވި ގޮތުގައި ވޭޖް ބޯޑުން މިނިމަމް ވޭޖަކީ 6،400 ރުފިޔާ ކަމަށް ކަނޑައެޅި އިރު އެއީ މުސާރަ ދޭން ތިބި މީހުންނަށް ދެވޭ ވަރުގެ އަދަދެއްކަން ވެސް ކަށަވަރުކުރަން ޖެހޭ ކަމަށެވެ. މިހާރު އޮތް އަދަދަކީ ބޯޑުން ގެންގުޅޭ ކްރައީޓިރިއާގެ ތެރެއިން ކަނޑައެޅި އަދަދެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ލަފާ ދިނީ ރާއްޖޭގެ މިނިމަމް ވޭޖަކީ 6،000ރ. އާއި 6،500ރ. އާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށެވެ.

އޭނާ ވިދާޅުވެފައި ވަނީ މައިކްރޯ އަދި ސްމޯލް ވިޔަފާރިތަކަށް ބަލާއިރު މިހާރު ހުށަހަޅާފައިވާ މިންވަރަކީ އެ ވިޔަފާރިތަކުން މުސާރައިގެ ގޮތުގައި ދެވޭނެ އަދެއް ކަމާ މެދު ކަންބޮޑުވުން އެބަހުރި ކަމަށެވެ. ވަޒީފާ ދޭ މީހުންނަށް ނުދެވޭ ވަރުގެ އަދަދެއް ކަނޑައަޅައި މަޖުބޫރުކޮށް ވިޔަފާރިތައް ބަނގުރޫޓުވާ ހިސާބަށް ހިނގައްޖެނަމަ ވަޒީފާތައް އެއްކޮށް ގެއްލިގެން ދިއުމުގެ ބިރު ވެސް އޮންނާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިނިމަމް ވޭޖްގެ ގޮތުގައި ހުށަހެޅި އަދަދު މާ ކުޑަ ކަމަށް ބުނެ ފާޅުކުރާ ކަންބޮޑުވުންތަކާ ގުޅިގެން ފަައްޔާޒު ވިދާޅުވެފައި ވަނީ މިނިމަމް ވޭޖާއި ލިވިން ވޭޖަކީ ވަރަށް ތަފާތު ދޭއްޗެއް ކަމަށާއި އެކަން ވަރަށް ބޮޑަށް އާންމުންނަށް އޮޅިފައި އޮންނަ ކަން ފާހަގަކުރައްވަމުން ވިދާޅުވި ގޮތުގައި ދުނިޔޭގެ އެއްވެސް ގައުމެއްގައި ލިވިން ވޭޖް ނުވަތަ މީހެއްގެ ދިރިއުޅުމުގެ ހުރިހާ ހަރަދެއް ހަމަޖެއްސޭ ވަރުގެ އުޖޫރައެއް ދޭން ލާޒިމެއް ނުކުރެއެވެ. އެކަމަކު މުވައްޒަފުން ވަޒީފާގައި ހިފަހައްޓަން ބޭނުންވާ މީހުން ލިވިން ވޭޖް ދީ މުވައްޒަފުންނާ މެދު ވަރަށް ރަނގަޅަށް ކަންތައްކުރާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިމަމް ވޭޖް ދޭން ފަށާއިރު އެއީ އެންމެ ރަނގަޅު އަދަދު ކަމަށް ނުވުމަކީ މައްސަލައެއްގެ ގޮތުގައި ނުބަލައި، ކޮންމެ ދެ އަހަރުން ރިވިއުކޮށް ބަދަލުތައް ގެނެސް އިސްލާހުކުރެވޭނެ ކަމަށާއި ނަމަވެސް އިގުތިސާދީ ހާއްސަ ހާލަތެއް ދިމާވެއްޖެ ނަމަ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭނެ އަދަދު، ދެ އަހަރުގެ ކުރިން ވެސް ރިވައިސް ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިސޯޓުތަކުގެ މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ވަކި އަދަދެއް ކަނޑައަޅާނަމަ، އެކަމަށްވެސް މިނިސްޓަރަށް ލަފާދޭ ބޯޑުން ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. އެގޮތުން 6،400 ރުފިޔާއާއި 8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް ބޯޑުން ލަފާދީފައިވާ ކަމުގައި ވަޒީރު ވިދާޅުވިއެވެ. ރިސޯޓުތަކުން ސާވިސްޗާޖާއެކު މުސާރައިގެ ގޮތުގައި 10،000 ރުފިޔާގެ މުސާރައެއް ދޭން ތައްޔާރަށް ތިބި ނަމަވެސް އެގޮތަށް މިނިމަމް ވޭޖު ކަނޑައަޅުއްވަން ބޭނުން ނުވާ ކަމަށެވެ.

އެންމެ ފުރަތަމަ މިނިމަމްވޭޖުގެ ކަނޑައެޅިގެން އަންނަ އިރު ބިދޭސީން އިސްތިސްނާވާނެ ކަމުގައިވެސް މިނިސްޓަރު ފައްޔާޒު ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު ގޮތަކީ އެންމެނަށް އެއް ހަމައެއްގައި އުޖޫރަ ދިނުން ކަމުގައިވިޔަސް ރާއްޖޭގެ އިގުތިސޯދީ ހާލަތަށް ބަލަންޖެހެއެވެ.