ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ތަރައްގީކޮށްފައިވާ ސީޕްލޭން ޓާމިނަލް މައްސަލާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ދެއްކެވި ވާހަކަ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި އަދި މިހާރުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ދެއްކެވި ވާހަކަތައް ސައީދު ދޮގުކުރައްވައިފިއެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒު ވަނީ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުމަށް އިކޮނޮމިކް މިނިސްޓަރު ކަމުގައި ސައީދު ހުންނެވިއިރު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެފައެވެ.
އެކަން ދޮގުކުރައްވާ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިނިހަކަ ދުވެލީގަ ސަރުކާރުގެ ފުރަތަމަހާފު ނިމުނުއިރު މިހާތަނައް ކުރެވުނު ކަމެއް ނެތް ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ތަރައްގީ ފެނި ބޮޑެތި މިނިސްޓްރީތައް "ކޮށި" އަރާ މަންޒަރު ފެނުމުން ހިތާމަކުރާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ފައްޔާޒުގެ އިތުރުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުވެސް ވަނީ މަޖިލީހުގެ ޖަލްސާއެއްގައި ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ދިނުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު ކުރައްވާފައެވެ. ނަމަވެސް ސައީދު ވަނީ އިލްޔާސްގެ އެ ވާހަކަތައްވެސް ދޮގު ކުރައްވާފައެވެ.
އާ ޓާމިނަލްގެ ލައުންޖް ހަދަން އޮތް ސަރަހައްދުން 81 ޕަސެންޓްގެ ބޮޑު ޖާގައެއް ދޭން ކުރީގެ ބޯޑުން ނިންމައި، މެނޭޖްމަންޓުން ގެންދިޔައީ މަޝްވަރާ ކުރަމުންނެވެ. ނަމަވެސް މި ސަރުކާރުން މިހާރު ނިންމާފައި ވަނީ ޓީއެމްއޭއަށް 6،400 އަކަމީޓަރުގެ ޖާގަ، އަކަމީޓަރެއް 10:35 ޑޮލަރަށް، ކުރިއަށް އޮތް ދެ އަހަރަށް ދޭށެވެ.