ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އޮންނަ ހުޅުލޭގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހަދާ ސީޕްލޭން ޓާމިނަލް، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ދޫކޮށްލަން އުޅޭ މައްސަލާގައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް ސިޓީ ފޮނުވައި އެމްއޭސީއެލްގެ ކޮމާޝަލް ޖެނެރަލް މެނޭޖަރު ހުސައިން ފަޒީލް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.
ފަޒީލް ހާޒިރުކުރަނީ އޭނާ ސޮއިކުރައްވައި ފޮނުވި ބައެއް ސިޓީތަކުގައި، ބޯޑުން ނިންމާފައި ނުވާ ކަންކަން ހިމެނޭ ކަމަށް މާލިއްޔަތު ކޮމިޓީގައި ބޯޑުގެ ބައެއް މެންބަރުން ވިދާޅުވެފައި ވާތީއެވެ. އަދި ޓީއެމްއޭއަށް ލިބުނު އެއް ސިޓީ އާއި އެމްއޭސީއެލްގައި އޮތް ސިޓީގައި ތަފާތުތަކެއް ހުރި ކަން ވެސް ކޮމިޓީ ބައްދަލުވުމުގައި ފާހަގަކޮށްފައިވާތީއެވެ. ޖިނާއީ ތަހުގީގެއް ހިންގަން އެމްއޭސީއެލުން ޖާގަ ދޭން ޖެހޭ ކަމަށް، އެ ކުންފުނީގެ ގާނޫނީ ވަކީލް މަޒްލާން ރަޝީދު ވަނީ އެ ބައްދަލުވުމުގަައި ވިދާޅުވެފައެވެ.
އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް ސަރުކާރުން ފުރަތަމަ ޓީއެމްއޭއިން ނިންމާފަައި ވަނީ މިހާރު ވެސް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް ސީޕްލޭން ޓާމިނަލުން އަކަމީޓަރެއް 10.5 ޑޮލަރަށް ދޫކުރާށެވެ.
ނަމަވެސް ޓީއެމްއޭ އިން ބުނެފައި ވަނީ ސީޕްލޭން ޓާމިނަލުން ބޮޑު ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަމީޓަރެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. ޓީއެމްއޭއިން ބުނާ ގޮތުގައި، އެމްއޭސީއެލް އިން އެ ގޮތަށް އެއްބަސްވެ އެ ކުންފުންޏަށް ސިޓީތަކެއް ވަނީ ފޮނުވައިފައެވެ. އޭގައި ސޮއި ކުރައްވާފައި ވަނީ ހުސައިން ފަޒީލެވެ.
އެ މައްސަލާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އެ ކޮމެޓީގެ ބައްދަލުވުމުގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ކުރެއްވި ސުވާލެއްގެ ތެރެއިން އަމީރު ވިދާޅުވެފައި ވަނީ ސިޓީތަކުގައި ބަޔާންކޮށްފައިވާ ވާހަކަތައް ބޯޑަށް ނޭނގޭކަމަށް ކޮމިޓީން ވިދާޅުވުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. ފަޒީލް ސޮއިކުރައްވައި އެމްއޭސީއެލުން ފޮނުވި ސިޓީތައް ފިޔަވައި އެ ކުންފުންޏާއެކު އެއްވެސް އެއްބަސްވުމެއް ހެދިފައިނުވާކަންވެސް ފިނޭންސް މިނިސްޓަރު އަމީރު ވަނީ ވިދާޅުވެފައެވެ.
ފަޒީލް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރާ ބައްދަލުވުން ތާވަލުކޮށްފައި ވަނީ މިއަދު މެންދުރުފަހު 2:30 ގައެވެ.