ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖިއާން ލިޒޯން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލު ކުރައްވައިފިއެވެ.

ރައީސް ނަޝީދާއި ޗައިނާގެ ސަފީރު ބައްދަލު ކުރައްވާފައި ވަނީ މިއަދު ހަވީރު ރައްޔިތުންގެ މަޖިލީހުގައެވެ. އެ ބައްދަލު ކުރެއްވުމުގައި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޗައިނާ ސަފީރު ލިޒޯން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ބައްދަލުވުމަކީ ޗައިނާގައި ފެތުރެމުންދާ "ކޮވިޑް 19" ވައިރަސް ކޮންޓްރޯލު ކުރުމަށް އެގައުމުގައި ކުރަމުންދާ މަސައްކަތާ ބެހޭގޮތުން މައުލޫމާތު ހިއްސާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

ޗައިނާއަށް މި ދަނޑިވަޅުގައި އެހީވުން މުހިންމުކަން ރައީސް ނަޝީދު ފާހަގަ ކުރެެއްވި ކަމަށް ސަފީރު ވިދާޅުވެފައި ވެއެވެ. އަދި ވައިރަސް ވީހާވެސް އަވަހަށް ކޮންޓްރޯލު ވުން އެދޭ ކަމަށް ނަޝީދު ވިދާޅުވި ކަމަށްވެސް ސަފީރުގެ ޓްވީޓުގައި ވެއެވެ.

އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ދެއްކެވި ވާހަކައިގެ ތަފްސީލެއް މަޖިލީހުން ހާމަކޮށްފައެއް ނުވެއެވެ.

ނަޝީދާއި ޗައިނާ ސަފީރު ލިޒޯން އަކީ ޗައިނާއިން ރާއްޖެއަށް ދީފައިވާ އެހީއާއި ލޯނާ ގުޅިގެން ވަރަށް ބޮޑަށް ހިޔާލު ތަފާތުވެ ބަހުގެ ހަމަލާތައް ބަދަލު ކުރައްވާ ދެ ބޭފުޅުންނެވެ.