ދީނީ ދަރުސް ދިނުމަށް ޖެމެއިކާގެ ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސްއަކީ ގިނަ އިސްލާމީ ގައުމުތަކުން ބަލައިގަންނަ ބޭފުޅެއް ނޫން ކަމަށާއި ރާއްޖެ ގެންނަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި، ރާއްޖެއައުމަށް ދެއްވި ދައުވަތު ބިލާލް ފިލިޕްސް ގަބޫލު ކުރައްވާފައިވާ ކަމަށާއި އޭނާއަށް ދައުވަތު ދެއްވީ ޒުވާނުނަށް ޓޮލެރެންސްގެ އިތުރުން ސުލްހަ މަސަލަސްކަމާ ބެހޭގޮތުން ދަރުސް ދެއްވުމަށް ކަމަށް ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވެ ކުރެއްވި ޓްވީޓަށް ރައްދު ދެއްވާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެފައި ވަނީ ދީނީ ނަސޭހަތް ރަނގަޅުގޮތުގައި ދެއްވާ ބޭފުޅުންނާއި އެ ނޫން ބޭފުޅުން ނަޝީދަށް ވަކިކުރަން އެނގިވަޑައިނުގަންނަވާނެ ކަމަށާއި ނޭނގޭ ވާހަކަތަށް ނުދައްކާ ހުންނެވުމުން ފަތަށްވެސް ލުއިވާނެ ކަމަށެވެ.
ދަރުސް ދިނުމަށް ބިލާލް ގެނައުމާ ދެކޮޅު ހައްދަވާ، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވެސް ވަނީ ވާހަކަ ދައްކަވާފައެވެ.
އީވާ ވިދާޅުވެފައި ވަނީ ރާއްޖެއަށް އެފަަދަ ދަރުހެއް މުހިންމު ކަމަށާއި ނަމަވެސް ބިލާލްއަކީ އެކަން ކުރަން ރަނގަޅު ބޭފުޅެއް ނޫން ކަމަށެވެ. އަދި އޭނާއަކީ ހަރުކަށި ފިކުރު ފަތުރާ، އަންހެނުންނަށް އަނިޔާ ކުރުމަށް ހިތްވަރުދީ، ޑިމަކްރަސީއާ އިދިކޮޅު މީހެއް ކަމަށާއި އޭނާ ގެނައުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އީވާ އެދިވަޑައިގެންފައިވެއެވެ. ބިލާލް ގެނައުމާ ދެކޮޅު ހައްދަވަމުން އިންތި ވިދާޅުވީ، އެ މައުޟޫއަށް ދަރުސް ދިނުމަށް ބިލާލްއަކީ ރަނގަޅު އިލްމުވެރިއެއް ނޫން ކަމަށެވެ.
މީގެ ކުރިންވެސް ޑރ. ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގެން ދަރުސް ދެއްވާފައިވެއެވެ. އެންމެ ފަހުން އޭނާ ރާއްޖެ ވަޑައިގެންފައި ވަނީ 2017 ގައެވެ.
ތިބޭފުޅާވެސް ރާއްޖޭގައި ހުންނާ ކަށްނުފެނޭ
ދެރަކަމެކޭ