އެސޯސިއެޝަން އޮފް ޓްރެވަލް އެޖެންޓްސް (އާޓާ)ގެ އަހަރީ އާންމު ޖަލްސާ ބާއްވާ، އާ ބޯޑު ހޮވައިފިއެވެ.
ރާއްޖޭގެ ގިނަ އަދަދެއްގެ ޓްރެވަލް ކުންފުނިތައް ގުޅިގެން އުފައްދާފައިވާ ޖަމިއްޔާ، އާޓާގެ ރައީސްގެ މަގާމަށް މި ފަހަރު ވެސް ހޮވާފައި ވަނީ ނިމިދިޔަ ދައުރުގައި ވެސް ރައީސްގެ މަގާމު ފުރުއްވި ޔޫސުފް ރިއްފަތެވެ. އާޓާގެ ނައިބު ރައީސް ކަމުގެ މަގާމަށް ހޮވާފައި ވަނީ މުހައްމަދު އަލީ އާއި މުހައްމަދު ރިޔާޒެވެ.
އާޓާގެ އާ އެގްޒެކެޓިވް ބޯޑު މެންބަރުން
- ރައީސް - ޔޫސުފް ރިއްފަތު
- ނައިބު ރައީސް - މުހައްމަދު އަލީ
- ނައިބު ރައީސް - މުހައްމަދު ރިޔާޒް
- ސެކްރެޓަރީ ޖެނެރަލް - މުހައްމަދު ހާރިސް
- ޑެޕިއުޓީ ސެކްރެޓަރީ - ރަޝާ އަހްމަދު
- ލީގަލް އެޑްވައިޒަރު - ޑރ. އަހްމަދު އާދަމް އަބްދުﷲ
- ތަރުޖަމާނު - އަބްދުލް ރަޝީދު ނާފިޒް
- ޕަބްލިކް މީޑިއާ - މުހައްމަދު އަލީ
- ޓްރެޝަރާ - އަހްމަދު ޝައުޝާން
- ޕަބްލިކް ރިލޭޝަން - އިބްރާހިމް ޝަރީފް
މިއަދު ބޭއްވި އެ ޖަމްއިއްޔާގެ އަހަރީ އާންމު ޖަލްސާއާ ބެހޭގޮތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ޖަމްއިއްޔާގެ ރައީސް ރިއްފަތު ވިދާޅުވީ، މިއަދުގެ ޖަލްސާގައި އާ ބޯޑު މެންބަރުން ހޮވުމުގެ އިތުރުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މިއަދުގެ ޖަލްސާގައި މަޝްވަރާ ކުރި ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގައި ޓޫރިޒަމް ކުރިއަށް ގެންދާނެ ގޮތްތަކާއި، ޓޫރިޒަމް އިންޑަސްޓްރީއަށް ވަންނަން ބޭނުންވާ މީހުންނަށް ތަމްރީނު ދޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ރިއްފަތު ވިދާޅުވިއެވެ.
ރިއްފަތު ވިދާޅުވީ، މިއަދު މައިގަނޑު ގޮތެއްގައި ކުރި ކަމަކީ އާ ބޯޑު ހޮވުން ކަމަށާއި، އެހެން ކަމުން އިތުރު ހަރަކާތްތައް މިއަދު ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ.
އާޓާ އަށް އަލަށް ހޮވާފައިވާ ބޯޑަކީ ޓޫރިޒަމް ދާއިރާއިން ކިޔަވައިގެން ތިބި މީހުން ހިމެނޭ އުއްމީދީ ބޯޑެކެވެ. އެގޮތުން، އާޓާގެ ރައީސް ރިއްފަތު (ކެޕިޓަލް ރިއްފަތު) އަކީ ޓޫރިޒަމް ދާއިރާގެ އެންމެ ތަޖުރިބާކާރު އެއް ފަރާތެވެ.