މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި އިތުރު 3،000 ހައުސިން ޔުނިޓު އަޅަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ "ސްޓްރީޓް ސްކޭޕިން" މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މާލޭ ރައްޔިތުންނަށް ކޮށްދޭން ޖެހިފައިހުރި ބައިވަރު މަސައްކަތް އެބަހުރި ކަމަށާއި އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ.

ރިޔާސީ އިންތިހާބުގައި މާލޭގެ ރައްޔިތުންނަށް 4،000 ހައުސިން ޔުނިޓު އަޅައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ފަހުން ކުރި ދިރާސާތަކުން އެއަށްވުރެ ގިނައިން މާލޭ ރައްޔިތުންނަށް ހައުސިން ޔުނިޓު ބޭނުންވާކަން ހޯދިފައިވާ ކަމަށެވެ.

އެގޮތުން 3،000 ހައުސިން ޔުނިޓުގެ ބިންގާ އަޅަން ނިންމިއިރު ކުރިން ވައުދުވި 4،000 ހައުސިން ޔުނިޓުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ހިޔާ މަޝްރޫއާއި "ވެށިފަހި" ޕްރޮގްރާމުގެ ދަށުން ބޯހިޔާވަހިކަން ދިނުމަށް ކުރީގެ ސަރުކާރުން ވައުދުވެ އެއްބަސްވެފައިވާ ގޮތަށް ވަރަށް އަވަހަށް ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.