މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހަދާ ސީޕްލޭން ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ދޫކޮށްލަން އުޅޭ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލި ރިޕޯޓް ސިއްރު ކުރުމުގެ ނިޔަތެއް ނެތް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އޭސިސީން ބުނީ މަޖިލީހަށް ފޮނުވާފައިވާ ރިޕޯޓަކީ ތަހުގީގު ފުރަތަމަ މަރުހަލާގައި ފާހަގަވި ކަންކަން ބަޔާންކޮށްފައިވާ ރިޕޯޓެއް ކަމަށެވެ.

އޭސީސީއިން ބުނެފައި ވަނީ އޭގައިވާ މައުލޫމާތުތައް ޕްރެސް ސްޓޭޓްމެންޓެއްގެ ގޮތުގައި ހާމަކޮށްފައިވާ ކަމަށެވެ. އެހެންކަމުން ރިޕޯޓްގައި ސިއްރު ކޮށްފައިވާ މައުލޫމާތެއް ނުހުންނާނެކަން އޭސީސީން ވަނީ ފާގަ ކޮށްފައެވެ.

އޭސީސީން މިހެން ބުނެފައިވާއިރު މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސީޕްލޭން ޓާމިނަލްގެ މައްސަލާގައި އޭސީސީން އެކުލަވާލި ރިޕޯޓް ސިއްރު ރިޕޯޓެއްގެ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ލިބިފައިވާ ކަމަށެވެ.

މަޖިލީހުގެ ތަޅުމުގައި ވެސް އަދި ކޮމިޓީގައި ވެސް އެ ރިޕޯޓް ބޭނުން ކޮށްފައިވަނީ ސިއްރު ރިޕޯޓެއްގެ ގޮތުގައެވެ. ދައުލަތުގެ އެއް އިދާރާއިން އަނެއް އިދާރާއަށް ސިއްރު ޖަހާފައިވާ ލިޔުމެއް، އެ ފޮނުވާ އިދާރާއިން އެހެން ގޮތަކަށް އަންގާ ލިޔުން ނުފޮނުވާހާ ހިނދަކު ބަލާނީ ސިއްރު ލިޔުމެއްގެ ގޮތުގަ އެވެ. އެ ރިޕޯޓަކީ ސިއްރު ރިޕޯޓެއް ނޫން ކަމަށް ބުނެ އަދި އޭސީސީއިން މަޖިލީހަށް ލިޔުމެއް ނުފޮނުވައެވެ.

އެ މައްސަލަ އޭސީސީން ތަހުގީގުކޮށްފައިވާއިރު އޭސީސީން ބުނީ ސީޕްލޭން ޓާމިނަލް ދީފައިވަނީ ވަކި ސީޕްލޭން އޮޕަރޭޓަރަކަށް ބޮޑު މަންފާއެއް ލިބި ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށެވެ.

އެ މައްސަލައިގައި ވަކި ސީ ޕްލޭން އޮޕަރޭޓަރަކަށް ނުވަތަ ސީޕްލޭން އޮޕަރޭޓަރުންތަކަކަށް ނާޖައިޒު ފައިދާ ހޯދައި ދިނުމަށް މަސައްކަތްކޮށްފައިވާ ކަމާއި ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ.

އަދި ސީ ޕްލޭން ޓާމިނަލް އޮޕަރޭޓްކުރުމާ ގުޅޭގޮތުން ސީޕްލޭން އޮޕަރޭޓްކުރާ ފަރާތްތަކާ މަޝްވަރާކޮށްފައިވީނަމަވެސް، އެއްބަސްވުމެއްގައި އެއްވެސް ފަރާތަކާއެކު ސޮއިކުރެވިފައެއް ނުވާ ކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ.