2019 ވަނަ އަހަރު ނިމި 2020 ވަނަ އަހަރު ފެށިގެން އައި އިރު، އާންމުންގެ ތެރޭގައި އެންމެ އަޑުހަރުކޮށް ދެކެވެމުން ދިޔައީ، ރާއްޖޭގެ އިގްތިިސޯދަށް އުފަން ވެގެން އައި އާ ލޭ ނާރެއްގެ ވާހަކައެވެ. ފެން ފުޅިއެއް ގަންނަން ފިހާރައަކަށް ވަދެލާފައި ނިކުންނައިރުވެސް ސައިކަލުގައި ސްޓިކާ ޖަހާފައި ހުންނަ ވާހަކައެވެ. އެސްފިޔައެއް ޖަހާލާ ހާ އަވަހަށް ސައިކަލުގައި ޖަހާ ސްޓިކާގެ މައްސަލަ ބޮޑުވެ، މިކަމުގައި އާންމު ރައްޔިތުންގެ ނުރުހުން އަމާޒުވީ ފުލުހުންނަށެވެ.
މިދިޔަ އަހަރު ނިމިގެން ދިޔައިރު ޓްރެފިކް ބެލެހެއްޓުމުގެ ކަންތައްތައް ފުލުހުން ހަރުދަނާ ކުރިއެވެ. މާލޭގައި ހިނގާ އެކްސިޑެންޓުތައް މަދު ކުރުމަށާއި ޓްރެފިކް އުސޫލުތަކާ ހިލާފަށް އެއްގަމު އުޅަނދު ދުއްވަމުން ދިޔަ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުން ދިޔައެވެ. ގަވާއިދާ ހިލާފަށް ޕާކް ކުރަމުން ދިޔަ ފަރާތްތަކުގެ ސައިކަލުތަކުގައި ފުލުހުން ދިޔައީ ހުއްޓުމެއް ނެތި ސްޓިކާ ޖަހަމުންނެވެ. މަހެއްގެ މައްޗަށް އެތައް ހާސް ސްޓިކާއެކެވެ. އެ ހުރިހާ ސްޓިކާއަކަށްވާ ފައިސާ ދައުލަތަށް ލިބިއްޖެނަމަ، ގައުމުގެ އިގްތިސޯދު އެ ފައިސާއިން ހިންގޭނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ހިސާބަށް ވެސް ސްޓިކާގެ މައްސަލަ އޮތީ ގޮސްފައެވެ.
އާންމުންގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ބަންޑުން ކޮށްލަމުން ދިޔަ ދިއުމާއެކު މިވާހަކަތައް ދިޔައީ އެއްވެސް ހުރަހެއް ނެތި ނޫސްތަކުގެ ސުރުހީތަކަށް ވެސް އަރަމުންނެވެ. ސްޓިކާ ޖަހާ މައްސަލަ ގިނަ ބަޔަކު ކުށްވެރި ކުރަމުން ދިޔަ ނަމަވެސް، ގިނަ މުއައްސަސާތަކުން އެކަމަށް ދިނީ އެއްބާރުލުމެވެ. ޕާކް ކުރާނެ ޖާގަ ނުދައްކާ ސްޓިކާ ނުޖަހާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ވިދާޅުވުމަށް އަލިއަޅުވާލަމުން ގިނަ ބައެއްގެ ނުރުހުން ރައީސް ސޯލިހާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ވެސް އަމާޒުވިއެވެ.
11 ޕާކިން ލޮޓް ހެދި، އިތުރަށް 11000 ސައިކަލު އެތެރެ ކުރި
ޕާކް ކުރާނެ ޖާގަ ނުދައްކާ ކަމަށް ބުނެ އާންމުން ފާޅުކުރަމުން ދިޔަ ކަންބޮޑުވުންތަކާއެކު މާލެ ސިޓީ ކައުންސިލުން ވެސް ވަނީ ޓްވީޓެއް ކޮށްފައެވެ. އެ ޓްވީޓުގައި އެ ކައުންސިލުން ބުނީ، 2019 ވަނަ އަހަރު މާލޭގައި 11 ޕާކިން ލޮޓް ހަދާފައި ވާނެ ކަމަށާއި، އޭގެ ކޮންމެ ލޮޓެއްގައި 80 ސައިކަލާއި، 400 ސައިކަލާއި ދެމެދުގެ އަދަދަކަށް ސައިކަލު ޕާކް ކުރެވޭނެ ކަމަށެވެ.
ތެދެކެވެ. ޕާކިން ލޮޓްތައް ހަދާފައި އެބަ ހުއްޓެވެ. 95 ސައިކަލު ޕާކް ކުރެވޭ ޖާގައިގައި 100 ސައިކަލުގެ ޖާގަ ހަދާފައި އެބަ ހުއްޓެވެ. ނަމަވެސް، ޕާކިން ލޮޓްތައް ހެދިޔަސް މަގުމަތީގައި ގަވާއިދާ ހިލަފަށް ފަތި ފައްޗަށް ސައިކަލުތައް ޕާކް ކޮށްފައި ބަހައްޓަން ޖެހެނީ ކީއްވެތޯ ސުވާލު ނުއުފެދޭ ހެއްޔެވެ. މިވަގުތު މާލޭގައި ހުރި ސައިކަލުތަކުގެ އަދަދަށް ބަލާ ޕާކިން ލޮޓް ހެދުމަށް ޕްލޭންކޮށް، މާދަމާ އެތަން ހަދާ ނިމޭއިރު އެ ސައިކަލުތަކުގެ އަދަދު އިތުރު ވެދާނެ ކަމަށް ނުވިސްނުނީ ކަމަށް ވެސް ވެދާނެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން 'ދަ ޕްރެސް' އާ ހިއްސާ ކޮށްފައިވާ އެ މިނިސްޓްރީގެ 2019 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާލުމުން ވެސް މާލޭ މަގުމަތީގައި އެހާ އުޅަނދު ގިނަ ސަބަބު ހާމަވެގެން ދެއެވެ. 2019 ވަނަ އަހަރު އެކަނި ވެސް 11543 ސައިކަލު މާލެއަށް އެތެރެކޮށްފައި އެބަވެއެވެ. ވޭތުވެދިޔަ 65 އަހަރެއްހާ ދުވަސް ތެރޭގައި ޖުމްލަ 73000 އެއްހާ ސައިކަލު ހަމައެކަނި މި ކުޑަކުޑަ މާލެއަށް އެތެރެކޮށްފައި ވާއިރު، ގާތްގަނޑަކަށް 400 ސައިކަލު ޕާކް ކުރެވޭ ވަރުގެ 11 ޕާކިން ލޮޓުން ރައްޔިތުންނަށް ފުދޭނެ ކަމަށް ހީކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު އުފެދެއެވެ.
ދުވާލެއްގެ މައްޗަށް 30 އަކަށް އާ ސައިކަލު ރަޖިސްޓްރީ ކޮށްގެން މަގުތަކަށް ނެރޭއިރު، މަގުމަތި ނޫން ތަނެއް ޕާކް ކުރާކަށް ނެތެވެ. ކިތަންމެ ގަވާއިދާ އެއްގޮތަށް އުޅެން ބޭނުންވާ މީހާއަށް ވެސް އެ ފުރުސަތު އޮންނަނީ ހަނިވެފައެވެ. ސައިކަލު ޕާކް ކުރުމަށް މަގުމަތީގައި ހާއްސަ ކޮށްފައިވާ ތަނުގައި ކާރާއި ޕިކަޕުފަދަ އުޅަނދުތައް ވެސް ޕާކް ކުރާތީއެވެ. ޕާކިން ޒޯނުތަކުގައި ބަހައްޓާ މުދަލާއި، ޕެލެޓުތަކުގެ ސަބަބުންނެވެ. ގެ ކުރިމަތިން ޕާކް ކުރާނެ ޖާގަ ނެތުމުން، ގެ ވަށައިގެން ކައިރި ހިސާބެއްގައި ޕާކިން އަށް ހާއްސަ ކޮށްފައިވާ ތަނެއް ނޫން ކަމުގައި ވިޔަސް ޕާކް ކުރަނީއެވެ.
ދެން އަނެއްކާވެސް އައިސް މިޖެހެނީ ސްޓިކާ މައްސަލާގައެވެ. ގަވާއިދާ އެއްގޮތަށް ޕާކް ކުރެވެން ނެތުމުން ގަވާއިދާ ހިލާފަށް ޕާކް ކޮށްފައި ގެއަށް ނިދަން ވަންނަ މީހާ އަނެއް ދުވަހު ހެނދުނު ނިކުންނަ އިރު ސައިކަލުގައި ހުންނަނީ ސްޓިކާ ފަތިވަރެއް ޖަހާފައެވެ. މަސް ނިމޭއިރު، މިގޮތަށް އެއް ކުރެވޭ ސްޓިކާތަކުގެ އަދަދު 10 އަކަށް އަރާފަހަރުވެސް މަދެއް ނޫނެވެ. އާންމު ދިރިއުޅުމެއްގައި 8000 ރުފިޔާގެ މުސާރާގައި އުޅޭ މީހާއަށް 10 ސްޓިކާގެ ޖޫރިމަނާ ދެއްކޭނެ އެއްވެސް ގޮތެއް އޮންނާނެތޯއެވެ.
ދުވާރުތައް މިވީ ޕާކިން ލޮޓަކަށް، ކާރުތައް ރަޖިސްޓްރީ ކުރި ގަރާޖުތައް ކޮބާ؟
ވޭތިވެދިޔަ އަހަރު އަލަށް ރަޖިސްޓްރީ ކޮށްގެން މާލޭ މަގުމައްޗަށް ނެރެފައި ވަނީ 795 ކާރެެވެ. 6.8 ކިލޯމީޓަރުގެ މާލެއަށް އަހަރަކު މިވަރަށް އެއްގަމު އުޅަނދު އެތެރެކުރާއިރު، ހަމަ ބުއްދިން ވިސްނާލި ކޮންމެ މީހަކަށް ވެސް މި ހުރިހާ އުޅަނދެއް ޕާކު ކުރަން އެކަށީގެންވާ މިންވަރަށް ގަރާޖުތައް ނުހުންނާނެކަން އިހުސާސް ކުރެވޭނެއެވެ. ތެދެކެވެ. މާލޭގައި ޖުމްލަ 245 ގަރާޖު ހުރިއިރު، ވޭތުވެދިޔަ 50 އެއްހާ އަހަރު ތެރޭގައި މާލެ އެތެރެކުރި 3000 އެއްހާ ކާރު އެތަނުގައި ޕާކް ކުރެވޭނީ ކިހިނަކުންތޯއެވެ. ބައެއް ގަރާޖުތަކުގައި އެއްފަހަރާ 10-12 ކާރު ޕާކް ކުރެވިދާނެއެވެ. ނަމަވެސް މާލޭގައި ހުރި 245 ގަރާޖުން ކޮންމެ ގަރާޖެއްގައި އެ ޖާގަ ހުންނާނެ ކަމަކަށް ގަބޫލެއް ނުކުރެވޭނެއެވެ.
މާލޭ މަގުމަތިން ކޮންމެ ދިމާލަކަށް ބަލާލިޔަސް މަގުމަތީގައި ޕާކު ކޮށްފައި ހުންނަ އެއްގަމު އުޅަނދުތައް ފެންނާނެއެވެ. އެތަން މިތަނުގައި ސައިކަލުތައް ޕާކް ކޮށްފައި ހުންނައިރު، ކާރުތައް ފެންނަނީ ކޮންމެވެސް ދުވާރެއްގެ މައްޗަށް އަރުވާފައި ޕާކް ކޮށްފައި އޮންނަ ތަނެވެ. ކާރު އެކަންޏެއް ނޫނެވެ. ޕިކަޕާއި ލޮރީ އަދި ވޭންތައް ވެސް މެއެވެ. ދުވާރަކީ މަގުމަތީގައި ދުއްވާ އުޅަނދުތަކުގައި ނުޖެހި، ހިނގާ މީހާއަށް ފަސޭހައިން މަގުމަތީގައި އުޅެވޭނެހެން ތައްޔާރުކޮށްފައި އޮންނަ ތަނެކެވެ. ނަމަވެސް، މި ދުވާރުތައް ވެސް މިވަނީ ޕާކިން ލޮޓަކަށް ވެފައެވެ. އެހެނީ، ކާރުތައް ރަޖިސްޓްރީ ކުރި ގަރާޖަކީ މި ދުވާރުތޯ ވެސް ސުވާލު އުފެދޭ ހިސާބަށް މި މައްސަލަ ވެސް މިވަނީ ގޮސްފައެވެ.
ދުވާރުމަތިން ހިނގާފައިދާ މީހާ، ދުއްވާ އެއްޗެހީގެ ތެރެއަށް މަގަށް ނިކުންނަން މިޖެހެނީ، އެ ދުވާރުމަތީގައި ކޮންމެވެސް އުޅަނދެއް ޕާކުކޮށްފައި އޮންނާތީއެވެ.
އާންމު ދިރިއުޅުމުގެ ކޮންމެ ދުވަހަކު މިފަދަ ހާލަތަކާ ކުރިމަތިލާން ޖެހޭ ފަރާތަކުން 'ދަ ޕްރެސް' އަށް އޭނާގެ ކަންބޮޑުވުންތައް ހިއްސާ ކުރަމުން ބުނީ، އޭނާ ކޮންމެ ދުވަހަކު އޮފީހުން ގެއަށްދާ ދަތުރު ވެގެން ދަނީ ދިގު ދަތުރަކަށް ކަމަށެވެ. އޮފީހާއި ގެއާ ކިތަންމެ ކައިރި ވިޔަސް، މަގުމަތިން ހިނގާފައި ދިއުމަކީ 'ދުއްތުރާލެއް' ކަމަށް އޭނާ ސިފަކުރިއެވެ. އޮފީހުން ގެއަށްދާ ގަޑިއަކީ ކާރުބާރު ބޮޑު ގަޑިއަކަށް ވުމާއެކު، ސައިކަލުތަކުގެ ތެރެއަށް މަގަށް ނިކުމެގެން ދާން ޖެހުމުން ކޮންމެ ދުވަހަކީ ވެސް އެތައް ސައިކަލެއްގައި ޖެހެމުން، ކޫތެމުންދާ ދުވަހެއް ކަމަށް އޭނާ ބުނެއެވެ. މިފަދައިން ދާ ދިއުމުގައި ބައެއް ފަހަރު އެކިވަރުގެ އަނިޔާތައް ލިބޭ ކަމަށް ވެސް އޭނާ ބުނެއެވެ.
2020 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ފަދައިން، މާލޭގައި އެހާ ކާރުތައް ގިނަ ވާންވީ ސަބަބެއް ހަމަ ބުއްދިއަކަށް ނުވިސްނެއެވެ. ގަވާއިދާ އެއްގޮތަށް އެކަން ކުރާ ނަމަ، މިއީކީ އާންމު ރައްޔިތު މީހާ އުޅެން ޖެހޭ ހާލު ކަމަށް ގަބޫލު ކުރެވޭނެ ޖާގައެއް ވެސް މިތަނަކު ނެތެވެ.
މާލޭގެ މަގުތަކުގެ ހާލަތަށް ވިސްނާ، މާލެއަށް އެއްގަމު އުޅަނދު އެތެރެކުރުން ކޮންޓްރޯލް ކުރަން އެބަ ޖެހެއެވެ. ޕާކިން ސްޕޭސް ހެދިޔަސް، އެ ތަނުގައި ޕާކް ކުރާ އަދަދަށްވުރެ ގިނައިން ވެހިކަލް އެތެރެކުރާނަަމަ، މި މައްސަލައަކީ ހައްލެއް އޮތް މައްސަލައެއް ނޫނެވެ. މިކަމަށް ހައްލެއް ނުލިބި، ތޮށްޖެހިފައިވާ މާލޭއަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ.