20 ފުޅި ބަނގުރަލާއެކު ބިދޭސީއަކު އަތުލައިގެންފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީގައި ހުރި މީހަކު ފޮށިގަނޑެއްގައި ބަނގުރާ ގެންގުޅޭ ކަމުގެ މައުލޫމާތު ރޭ ދަންވަރު 2:38 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި މައްސަލާގައި އުމުރުން 28ގެ ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އޭނާގެ އަތުގައި އޮތް ފޮށިގަނޑާއި ކޮނޑުގައި އަޅުވާފައިވާ ދަބަސް ބަލައި ފާސް ކުރި ކުރުމުން ބަނގުރާ ކަމަށް ބެލެވޭ ދިޔާ އެއްޗެއް ހުރި 20 ފުޅި ފެނިފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

20 ފުޅި ބަނގުރަލާއެކު ބިދޭސީއަކު އަތުލައިގެންފައިވާއިރު، ބަންގްލަދޭޝުން ރާއްޖެއަށް އައި އެ ގައުމުގެ މީހެއްގެ އަތުން 1932 ޕާޓީ ޕިލްސް ވެސް ވަނީ އަތުލައިގެންފައެވެ. އެ މައްސަލައާ ގުޅިގެން ކަސްޓަމްސުން ބުނީ، ބަންގްލަދޭޝުން ރާއްޖެއަށް އައި މީހެއްގެ ލަގެޖު ޗެކްކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށާއި އޭނާގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ގުޅަތަކެއް ފެނިފައިވާ ކަމަށެވެ. އަދި އެ މީހަކީ ބަގްލަދޭޝް ރައްޔިތެއް ކަމަށާއި އެއީ 26 އަހަރުގެ ފިރިހެނެއް ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.

މި ގުޅަތައް ފެނިގެން ކަސްތަމްސްއިން ޓެސްޓު ކުރާ ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިން/ޔާބާ އަށް ޕޮސިޓިވް ވެފައިވާ ކަމަށްވެސް ކަސްޓަމްސުން ބުނެފައިވެއެވެ. އަދި އޭނާގެ ލަގެޖުން ޖުމްލަ 1932 އެމްފެޓަމިން ގުޅަ ފެނިފައިވާއިރު އެތަކެތީގެ މަގުމަތީގެ އަގަކީ 193،200 ރުފިޔާ ކަމަށް ވެސް ކަސްޓަމްސުން މައުލޫމާތު ދީފައިިވެއެވެ.