ގަސްދުގައި ކުރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ބުރުޒުމަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއްގައި އެމަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ އެހެން ސައިކަލަކުން ޖައްސާ އެކްސިޑެންޓް ކޮށްލާފައިވާ މައްސަލައެއް ރޭ 10:28 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގި ވަގުތު އެތަނުން އެއް ސައިކަލު ދުއްވަން އިނީ 31 އަހަރުގެ ދިވެހި ފިރިހެނަކާއި އަދި ސައިކަލު ފަހަތުގައި 22 އަހަރުގެ އަންހެނެކެވެ. މި ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އަންހެން މީހާ އައިޖީއެމްއެޗަށް އަދި ފިރިހެން މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގި ވަގުތު އަނެއް ސައިކަލު ދުއްވަން އިނީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާއަށް ބޮޑެތި އަނިޔާތަކެއް ވެގެން އައިޖީއެމްއެޗަށް ގެންގޮސްފައި ވާއިރު، އޭނާ ވަނީ ރޭ 1:45 ހާއިރު މަރުވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ، މި އެކްސިޑެންޓުގައި މަރުވި މީހާ، ފަހަތުން ގޮސް އަނެއް ސައިކަލުގައި ޖެއްސުމުން ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓުގައި ދެ ސައިކަލު ދުއްވަން އިން ދެ މީހުންގެ އަތުގައިވެސް އެއްގަމު އުޅަނދު އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ ކަމަށް ފުލުހުން ބުނެއެވެ. އަދި މި އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް އެކިވަރުގެ ގެއްލުން ވެފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.