ބަންގްލަދޭޝުން ރާއްޖެއަށް އައި އެ ގައުމުގެ މީހެއްގެ އަތުން 1932 ޕާޓީ ޕިލްސް އަތުލައިގެންފިއެވެ.

ކަސްޓަމްއިން ބުނީ، ބަންގްލަދޭޝުން ރާއްޖެއަށް އައި މީހެއްގެ ލަގެޖު ޗެކްކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށާއި އޭނާގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ގުޅަތަކެއް ފެނިފައިވާ ކަމަށެވެ. އަދި އެ މީހަކީ ބަގްލަދޭޝް ރައްޔިތެއް ކަމަށާއި އެއީ 26 އަހަރުގެ ފިރިހެނެއް ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މި ގުޅަތައް ފެނިގެން ކަސްތަމްސްއިން ޓެސްޓު ކުރާ ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިން/ޔާބާ އަށް ޕޮސިޓިވް ވެފައިވާ ކަމަށްވެސް ކަސްޓަމްސުން ބުނެއެވެ. އޭނާގެ ލަގެޖުން ޖުމް 1932 އެމްފެޓަމިން ގުޅަ ފެނިފައިވާއިރު އެތަކެތީގެ މަގުމަތީގެ އަގަކީ 193،200 (އެއް ލައްކަ ނުވަދިހަ ތިން ހާސް ދުއިސައްތަ) ރުފިޔާ ކަމަށް ކަސްޓަމްސުން މައުލޫމާތު ދެއެވެ.

އަދި މި މައްސަލައިގައި ޝާމިލުވާން ފަރާތާއި އަތުލައިގަނެވުނު ތަކެތި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާއިތު މިދިޔަ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުވެސް ވަނީ ބަންގްލަދޭޝުން ރާއްޖެއަށް އައި އެ ގައުމުގެ 28 އަހަތުގެ ފިރިހެނެއްގެ އަތުން 2339 ޕާޓީ ޕިލްސް އަތުލައިގެންފިއެވެ.

ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތީގެ އިތުރުން ޕާޓީ ޕިލްސް ފަދަ މަސްތުވާ ތަކެތި ރާއްޖެއަށް އެތެރެކުރަން އުޅޭ ފަރާތްތައް ކަސްޓަމްސުން ހޯދާ މީގެ ކުރިންވެސް ވަނީ އަތުލައިގެންފައެވެ.