މައްސަލަ ބޮޑުވެފައިވާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް ޕަބްލިކް ރިލޭޝަންސް (ޕީއާރް) ލަފާދޭ ކުންފުންޏަކީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާއާ އޭނާގެ ފިރިކަލުންގެ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޝައުނާއަށް ފާޑުކިޔުންތައް އަމާޒުވާން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން އަންނަނީ މިކަމާ ގުޅުން ހުރި ލިޔެކުންތައް ހިއްސާ ކުރަމުންނެވެ. ޝައުނާގެ މަސްލަހަތު އޮންނަ ކުންފުނި އެޓޯލް ކޮމިއުނިކޭޝަންސް އިން އަންނަނީ 2016ވަނަ އަހަރުން ފެށިގެން ޓީއެމްއޭއަށް ޕީއާރް ލަފާ ދެމުންނެވެ. އެ ކުންފުނީގެ ޕާޓްނަރުންގެ ގޮތުގައި ޝައުނާއާ ޝައުނާގެ ފިރިކަލުން މުހައްމަދު ތޯރިގު ހާމިދު ހިމެނެއެވެ. މިހާރުވެސް ތޯރިގުގެ 50 ޕަސެންޓު ހިއްސާ އެކުންފުނީގައި އޮވެއެވެ.
ނަމަވެސް ޝައުނާ ވަނީ އޭނާގެ ހިއްސާ އެ ކުންފުނީގައި އޮންނަ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ދޮގުކުރައްވައިފައެވެ. ޝައުނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ހިއްސާއެއް އެ ކުންފުނީގައި ނޯންނާނެ ކަމަށެވެ. ނަމަވެސް ޝައުނާގެ އެ ވާހަކަތައް އޭނާއަށް ސާބިތު ކޮށްދެވޭނެ ގޮތެއް ނެތްއިރު ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ އެ ކުންފުނީގައި އަދިވެސް ޝައުނާގެ މަސްލަހަތާއި ހިއްސާ އޮންނަކަން ހާމަކޮށްފައެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ޝައުނާގެ ނަން އޮތް އޮތުން ބައެއް ފަރާތްތަކުން އަންނަނީ ހެއްކެއްގެ ގޮތުގައި ދައްކަމުންނެވެ.
ޝައުނާ އާއި ތޯރިގުގެ އިތުރުން އެޓޯލް ކޮމިޔުނިކޭޝަންސްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވި އިރު އެމަނިކުފާނުގެ ޕީއާރުގެ ބައި އަދާކުރި އިނގިރޭސި ވިލާތުގެ ޕޯލް ރޮބަޓްސް ހިމެނޭ ކަމަށް ވެސް، ބައެއް މީހުން ގެންދަނީ މައުލޫމާތު ފަތުރަމުންނެވެ. އެޓޯލް ކޮމިޔުނިކޭޝަންސްގެ ޑޮމެއިން ނަގާފައި ވަނީ ރޮބަޓްސްގެ ނަމުގައި ކަމަށްވެސް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
މިފަދަ ވާހަކަތަކެއް ކުއްލިއަކަށް ފެންމަތިވެފައި މިވަނީ އެމްއޭސީއެލްއިން ޓީއެމްއޭއަށް ފައިދާވާ ގޮތަށް އާ ސީޕްލޭން ޓާމިނަލްއިން ޖާގަ ދޭން އުޅޭ މައްސަލާގައި އޭސީސީން އެކަމުގެ ޖިނާއީ ތަހުގީގެއް ހިންގަން އުޅޭ ކަމަށް ބުނެފައި ވަނިކޮށެވެ.