ނިމިދިޔަ 2019 ވަނަ އަހަރު ބައިނަލްއަގުވާމީ ފެންވަރުގައި ދިފާއީ ކަންކަމަށް ކުރި ހޭދަ 4 ޕަސެންޓް އިތުރުވެފައި ވާކަމަށާ، މިކަމުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ އެމެރިކާއާއި ޗައިނާގެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިންޓަނޭޝާނަލް އިންސްޓިޓިއުޓް ފޮ ސްޓްރެޓީޖިކް ސްޓަޑީޒް (އައިއައިއެސްއެސް)އިން އާންމުކުރި ދިރާސާ ބުނާ ގޮތުގައި، ޗައިނާގެ އަސްކަރިއްޔާގެ ވެޕަންސް މޮޑަނައިޒޭޝަން ޕްރޮގްރާމްގެ ތެރެއިން ހިންގާ، ދެނެގަންނަން ދަތި ސުޕާސޮނިކް މިސައިލްސް މަޝްރޫއަކީ އެމެރިކާގެ ސަރުކާރު އެކަމާ ކަންބޮޑުވާ މަޝްރޫއެއް ކަމަށާ، ނަތީޖާއެއްގެ ގޮތުން އެމެރިކާއިން ދިފާއީ ރޮނގުން ގާބިލުކަން ވަރުގަދަ ކުރުމަށް އިތުރު މަޝްރޫއުތަކަށް ވަނީ ހަރަދުތަކެއް ކޮށްފައެވެ.

އައިއައިއެސްއެސްއިން އާންމުކޮށްފައިވާ "މިލިޓަރީ ބެލަންސް" ރިޕޯޓްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 2018-2019 ވަނަ އަހަރު އެމެރިކާއިން ދިފާއީ ކަންކަމަށް ކުރި ޖުމުލަ ހޭދައިގެ ފަރަގު އެކަނިވެސް 53.4 ބިލިއަން ޑޮލަރަށް އަރައެވެ. މިއީ މުޅި އިނގިރޭސިވިލާތުގެ ދިފާއީ ބަޖެޓުގެ ޖުމުލަ އަދަދާ ގާތްގަނޑަކަށް އެއްވަރު އަދަދެކެވެ.

ޗައިނާއާއި އެމެރިކާއިން ދިފާއީ ކަންކަމަށް ހޭދަ ކުރި މިންވަރު 2019 ވަނަ އަހަރު 6.6. ޕަސެންޓް އިތުރުވެފައިވާއިރު، ރަޝިޔާގެ މަޝްރޫއުތަކަށް ޖެހިލުންވެގެން ވިލާތުން ހިންގި ދިފާއީ މަޝްރޫއުތަކަށް ކުރި ހޭދައިގެ މިންވަރުވެސް ވަނީ 4.2 ޕަސެންޓް އިތުރުވެފައެވެ.