ޑިކްލެއާ ނުކޮށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ފައިސާ ކަސްޓަމުން އަތުލައިފިއެވެ. 2 ދުވަހެއްގެ މަތިން އަތުލި ފައިސާގެ ޖުމްލަ 4،154،458 ރުފިޔާ އަށް އަރައެވެ.

ކަސްޓަމްއިން އާންމު ކުރި ހަބަރެއްގައި ބުނީ، އެ ހާދިސާތަކުގައި އަތުލައިފައި ވަނީ ދެ ދިވެހިންނާއި ބަންގްލަދޭޝް މީހެއް ކަމަށެވެ.

ކަސްޓަމުން އެ ތިން މީހުންގެ ތެރެއިން ދެމީހުން އަތުލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. ތިން ވަނަ މީހާ އަތުލީ މިއަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. މީގެ ތެރެއިން ޑިސެމްބަރު 12 ވަނަ ދުވަހު އަތުލައިފައި ވަނީ 2 މިލިއަން ރުފިޔާއާއެކު ދިވެއްސަކާއި، 6 ލައްކަ ރުފިޔާއާއެކު ބަންގްލަދޭޝްގެ ފިރިހެން މީހާއެވެ. މި ދެމީހުންނަކީ އެއް ހާދިސާއެއްގައި ހިމެނޭ ދެމީހުން ކަމެއް ނުވަތަ ފައިސާ އަތުލީ ކަނޑުމަގުން ބޭރުކުރަން އުޅެނިކޮށް ކަމެއް ނުވަތަ ވައިގެ މަގުން ބޭރުކުރަން އުޅެނިކޮށް ކަމެއް ކަސްޓަމަކުން ނުބުނެއެވެ.

1 ލައްކަ ރުފިޔާއާއެކު ޖެނުއަރީ 22 ވަނަ ދުވަހު އަތުލީ ވެސް ދިވެއްސެކެވެ.

ކަސްޓަމުން މިހާރު ވަނީ މިމައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނާ ހަވާލު ކޮށްފައިކަމަށް ބުނެއެވެ.