މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތަރައްގީކޮށްފައިވާ އާ ސީޕްލޭން ޓާމިނަލް، ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) އަށް ކުއްޔަށް ދިނުމާ މެދު، މަންދު ކޮލެޖްގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ)ގެ ގިނަ ސުވާލުތަކެއް އަމާޒުވެއްޖެއެވެ.

އިބްރާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއާޕޯޓް ލައުންޖު ނުލިބުމަކީ ޓީއެމްއޭގެ ހިދުމަތް ނުހިންގޭ ވަރުގެ ސަބަބެއް ކަމަށް ވަންޏާ، ޓީއެމްއޭ ދިޔަޔަސް "އޯކޭ" ކަމަށެވެ. އަދި ޓީއެމްއޭ ނޫނަސް ކޮންމެވެސް ބަޔަކު އެކަން ކުރާނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޓޫޒަމަށް 50 އަހަރު ވާއިރު، ޓީއެމްއޭއަށް ވީ ކިހާ ދުވަހެއްބާ؟ ޓީއެމްއޭ އައީ ލަައުންޖު ހިންގަންތަ؟ ބޯޓު ދުއްވަންތަ؟ އޮޅިއްޖެ ކުޑަކޮށް
އިބްރާ

ޓޫރިޒަމަށް 50 އަހަރު ވާއިރު ޓީއެމްއޭއަށް ވީ ކިހާ ދުވަހެއްތޯ އިބްރާ ވަނީ ސުވާލު ކުރައްވާފައެވެ. އަދި ޓީއެމްއޭ އައީ ލައުންޖު ހިންގަންތޯ ނޫނީ ބޯޓު ދުއްވަންތޯ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން އިބްރާ ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ސީޕްލޭން ޓާމިނަލްގެ ވާހަކަ ދައްކަވާތީ އެކަމާ ވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން، ނަޝީދު ކުރެއްވި ޓްވީޓަކަށް އިބްރާ ވަނީ ރައްދު ދެއްވާފައެވެ. ނަޝީދު ވިދާޅުވީ، އެމްއޭސީއެލާއި ޓީއެމްއޭގެ މުއާމަލާތްތައް ހިނގާފައި ހުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށެވެ. އަދި ސީޕްލޭން ޓާމިނަލް މައްސަލައަށް ގޮތެއް ނުހޯދިއްޖެނަމަ ރަންވޭ ހުޅުވާލުން ލަސްވުމުގެ އިތުރުން ޓީއެމްއޭއަށް ބަދަލު ދޭން ޖެހުން ގާތް ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ، ސަރުކާރާއި، ޓީއެމްއޭއަށް ވެސް ފައިދާ ހުރި އެއްބަސްވުމަކަށް އައުން ވަރަށް ބޭނުންތެރި ކަމަށާއި ގޯސްހެދި މީހުން ހޯދާ، އަވަސް ތަހުގީގެއް ފެށުން މުހިންމު ކަމަށެވެ.

ނަޝީދަށް ރައްދު ދެއްވަމުން އިބްރާ ވިދާޅުވީ، ކޮންޓްރެކްޓެއްގައި ދެކޮޅު އޮންނަން ޖެހޭ ކަމަށާއި، ދެ ފަރާތަށް ވެސް އެއްވަރުގެ މަންފާއެއް ހިމެނުމަކީ ކޮންޓްރެކްޓެއް ސައްހަ ވުމުގެ ޝަރުތެއް ކަމަށެވެ. އަދި ޓީއެމްއޭއަށް ބަދަލެއް ދޭން ޖެހޭ ނަމަ އެކަމަށް ބަސް ބުނަންވާނީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ކަމަށާއި، މަޖިލިސް ރައީސް ނޫން ކަމަށެވެ. އޭނާ ވަނީ މިކަމުގައި ރިފްއަތުގެ ބަހެއް ރައްޔިތުންނަށް އިއްވުން މުހިންމު ކަން ފާހަގަ ކުރައްވާފައެވެ.