ޅ. ހިންނަވަރު ގެއެއްގެ ކައިރީ ހުރި ސައިކަލެއްގައި ރޯކޮށް އަންދާލައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ރޭ ހިންނަވަރު ގެއެއް ކައިރީ ހުރި ސައިކަލެއްގައި ރޯކޮށް އަންދާލަފައިވާ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ހުށަހަޅާފައި ވަނީ މިއަދު ހެނދުނު 6؛12 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

ހިންނަވަރު ގެއެއް ކައިރީ ހުރި ސައިކަލެއްގައި ރޯކޮށް އަންދާލާފައިވާއިރު، މިދިޔަ މަހު 14 ވަނަ ދުވަހުގެ ފަތިހު ގދ. ގައްދޫ ގެއެއް ތެރޭގައި ހުރި ސައިކަލެއްގައި ވެސް ވަނީ ރޯކޮށް އަންދާލާފައެވެ. އެ ހާދިސާގެ ރިޕޯޓް އެރޭ ފަތުހު 4:40 ހާއިރު ފުލުހުންނަށް ލިބުމާ ގުޅިގެން ފުލުހުން ވަނީ އެގެއަށް ގޮސް، ރޯވި އަލިފާންގަނޑު ނިއްވާލާފައެވެ.

އެ ހާދިސާގައި ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ. ނަމަވެސް، އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަކަށް ފުލުހުން ބުނެފައެއް ނުވެއެވެ.

މީގެ އިތުރުން، މިދިޔަ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު ވެސް ހދ. ކުުޅުދުއްފުށީ ގެއެއްގެ ތެރޭގައި ހުރި ސައިކަލެއްގައި ބަޔަކު މީހުން ގަސްދުގައި ރޯކޮށްލާފައިވެއެވެ. އެ މައްސަލައިގައި ވަނީ މީހަކު ހައްޔަރު ކޮށްފައެވެ.