ދިރާގުން 5ޖީ ނެޓްވޯކް ސަޕޯޓު ކުރާ ވާވޭ މޭޓް 20 އެކްސް ތައާރަފުކޮށްފިއެވެ.

މި ފޯނު ތައާރަފު ކޮށްދެއްވީ މިއަދު ދިރާގުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ޗީފް މާކެޓިން އޮފިސަރު މަހުމޫދު ދަސަރެވެ. ދިރާގުގެ ޑިވައިސް މެނޭޖަރު އަހުމަދު އިޝާން ވިދާޅުވީ މިރެއިން ފެށިގެން ފޯނު ގަންނަން ހުޅުވާލި ނަމަވެސް ފޯނު ހަވާލުކުރުން ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ކަމަށެވެ.

ދިރާގުން މި ފޯނުތައް ވިއްކަނީ 15،899 ރުފިޔާ އަށެވެ. އިންސްޓޯލްމެންޓަށް ފޯނު ނަގަން ބޭނުންވާ ފަރާތަތަކަށް ދިނުމަށް ހަމަޖެހިފައި ވަނީ ދިރާގުގެ ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށެވެ. އެގޮތުން ޑައުންޕޭމަންޓުގެ ގޮތުގައި 3،499 ރުފިޔާ ދައްކަން ޖެހޭ ކަމަށާއި އެއަށްފަހު އަަހރު ދުވަސް ހަމަވަންދެން ކޮންމެ މަހަކު ދައްކަން ޖެހޭނީ 1،129 ރުފިޔާ ކަމަށް ދިރާގުން ބުނެއެވެ.

ވާވޭ މޭޓް 20 އެކްސް ތައާރަފްކުރުމުގެ ތެރެއިން / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

އިޝާން ވިދާޅުވީ ރާއްޖެއަށް 5ޖީ ނެޓްވޯކު ތައާރަފު ކުރުމަށްފަހު ރައްޔިތުންނަށް ބާރު ސްޕީޑްގެ އިންޓަނެޓް ފޯރުކޮށްދިނުމަށް އެ ކުންފުނިން އެ ނެޓްވޯކު ފުޅާ ކުރުމަށް މަސައްކަތް ކުރި ކަމަށެވެ. އެގޮތުން، ރާއްޖޭގެ އެކި ސަރަހައްދުތަކުން 5ޖީ ނެޓްވޯކު ލިބެން ހުންނައިރު މި ފޯނުތަކަކީ އެ ނެޓްވޯކް ތަޖުރިބާ ކުރުމަށް ލިބޭނެ ފުރުސަތެއްކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގުން މިއަދު ތައާރަފު ކުރި ވާވޭގެ ފޯނަކީ ފްރަންޓް ކެމެރާއާ އެކު ހަތަރު ކެމެރާ ހިމެނޭ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ފޯނެކެވެ. މި ފޯނުގެ ކެމެރާތަކުގެ ތެރޭގައި 40 އެމްޕީ އާއި 20 އެމްޕީ އަދި 8 އެމްޕީގެ ކެމެރާ ހިމެނެ އެވެ. ފްރަންޓް ކެމެރާއަކީ 24 އެމްޕީގެ ކެމެރާއެކެވެ.

ދިރާގަކީ ދެކުނު އޭޝިއާގެ ކުންފުނިތަކުގެ ތެރެއިން އެންމެ ފުރަތަމަ 5ޖީ ނެޓްވޯކް ތައާރަފު ކުރި ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެވެ. ރާއްޖޭގެ މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކުގެ ތެރެއިން ދިރާގަކީ މިފަދަ ފަހުގެ މޮޑެލްތަކުގެ ފޯނު ހެޔޮ އަގެއްގައި ދިވެހިންނަށް ލިބޭނެ ގޮތް ހަމަޖައްސައިދޭ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ. އރގޮތުން އެންމެ ފަހުން ދިރާގުން ވަނީ އައިފޯނުގެ އެންމެ ފަހުގެ މޮޑެލްވެސް ރާއްޖެއަށް ތައާރަފްކޮށް އިންސްޓޯލްމަންޓް ބޭސިސް އަށް ކަސްޓަމަރުންނަށް ފޯނު ލިބޭނެ އިންތިޒާމް ހަމަޖައްސައިދީފައެވެ.