ނުރައްކާތެރި ކޮވިޑް-19 ފެތުރިދާނެ ކަމަށް ބުނެ ބަނދަރުކުރުމަށް ރުހުން ދިނުމަށް 5 ގައުމަކުން އިންކާރު ކުރި ކުރޫޒްލައިނާ "އެމްއެސް ވެސްޓަޑޭމް"، އެންމެ ފަހުން ކެމްބޯޑިއާގައި ބަނދަރުކޮށްފިއެވެ.

"އެމްއެސް ވެސްޓަޑޭމް"އިން މިއަދު ހަގީގަތުގައި ބަނދަރު ކުރަން އޮތީ ތައިލޭންޑްގައެވެ. ނަމަވެސް މިދިޔަ އަންގާރަ ދުވަހު ތައިލޭންޑްއިންވަނީ އެ ގައުމުގައި އެ ކުރޫޒްލައިނާއަށް ބަނދަރު ނުކުރެވޭނެ ކަމަށާ، އެއީ ކޮވިޑް-19ގެ ނުރައްކާ އެ ކުރޫޒްލައިނާގައި އޮތުމުގެ ސަބަބުން ކަމަށް ބުނެފައެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ 200 މީހަކު، ޖަޕާނުގެ ޔޮކޮހާމާގައި އޮތް "ޑައިމަންޑް ޕްރިންސަސް" ކުރޫޒްލައިން ފެނުނު ކަމުގައި ވީ ނަމަވެސް، "އެމްއެސް ވެސްޓަޑޭމް"ގައި ތިބި 2000 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑުން މި ވައިރަހުގެ އަސަރު އަދި ފެނިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.

ތައިލޭންޑްގެ ކަނޑުގެ ސަރަހައްދުން މި ކުރޫޒްލައިނާ ބޭރުކޮށްފައިވަނީ ތައިލޭންޑްގެ ކަނޑުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުން ކަމަށްވާއިރު މިހާރު މި ކުރޫޒްލައިނާ އޮތީ ކެމްބޯޑިއާގެ ސިހަނޫކްވިލް ބަނދަރުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ކުރޫޒްލައިނާގައި ތިބި ފަސެންޖަރުން ވަނީ ކަނޑުމަތީގައި ދާނެ މަންޒިލެއް ނެތި ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހުމަށްފަހު އެކަން ނިމުމަކަށް އައުމުން އެކަމާ އުފާކުރާކަން ހާމަކޮށްފައެވެ. ކުރޫޒްލައިނާގެ ކައްޕި ވަނީ، ކެމްބޯޑިއާގެ ސިއްހީ އޮފިޝަލުން ކުރިއަށް ގެންދަންޖެހޭ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ފުރިހަމަ އެއްބާރުލުން ދޭނެކަންވެސް ހާމަކޮށްފައެވެ. އެއަށްފަހު، ކުރޫޒްލައިނާގައި ތިބި ފަސެންޖަރުން އެމީހުންގެ އަމިއްލަ ވަޒަނަށް ދަތުރުކުރާނީ ކެމްބޯޑިއާގެ ވެރިރަށަށް ދިއުމަށް ފަހުގައި ކަމަށް ޚަބަރު ލިބެއެވެ.