ފުލުހުން ކުރިޔަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަން ކުރިޔަށް ގެންދިޔައީ ހުޅުމާލޭގައެވެ. އެގޮތުން މިދިޔަ އާދީއްތަ ދުވަހު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ދެ ގެއެއް ބަލާ ފާސްކޮށްފައެވެ. އަދި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ވަނީ މި އޮޕަރޭޝަންގައި ހޯދާފައެވެ. އެގޮތުން 24 ސެލޯފިން ކޮޅާއި 16 ފިލްމު ހުސްކުރި ދަޅާއި ބޮޑު ދެ ރަބަރު ޕެކެޓު ފުލުހުން ހޯދާފައިވާ ކަމަށް ބުންޏެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކުރީ 23 އަހަރާއި 27 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި 26 އަހަރުގެ ބިދޭސީއެކެވެ. ބިދޭސީ މީހާގެ ގައުމެއް ހާމައެއް ނުކުރެއެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ދާދިފަހުންވެސް ފުލުހުން ވަނީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބަޔަކު ހައްޔަރުކޮށްފައެވެ. އަދި މި މައްސަލާގައި ފުލުހުން ވަނީ ގިނަ އަދަދެއްގެ ފައިސާވެސް ހޯދާފައެވެ.