ސަޔަކީ ދުނިޔޭގެ ހުރިހާ ހިސާބަކަށްވެސް އާންމު، އިތުރު ތައާރަފަކަށް ބޭނުން ނުވާ ބުއިމެކެވެ. ހިތްގައުމު ސައިތައްޓަކީ ބަނަ ދުވަހެއް އުޖާލާ ކޮށްދޭ ބުއިމެއް ކަމަށް ބުނާ މީހުން މަދެއް ނޫނެވެ. އަނެއް ބައި މީހުންނަށް ދުވަހުގެ ފެށުން އަންނަނީވެސް ސައިތައްޓެއް ބޯލުމުންނެވެ. ކަންމިހެން އޮތްއިރު ހޫނުކޮށް ސައި ބޯ މީހުންނާ، ފިނިކޮށްގެން ނޫނީ ސައިތައްޓެއް ބޯ ނުލެވޭ މީހުންވެސް އުޅެއެވެ. ސައިގެ އެކި ފްލޭވާތަކާ ކުލަތައް ބާޒާރުން ލިބެން ހުރިއިރު، ރައްކާތެރި ގޮތުގައި ތައްޔާރުކޮށްފައި ހުންނަ ސަޔަކީ ހަށިގަނޑަށް ފައިދާތަކެއްވެސް ލިއްބައިދޭ ބުއިމެއްކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ.

ސައިމާ ސައިތައްޓެއް/ފޮޓޯ: ގާޑިއަން

ހޫނު ސައި- އައިސް ސައި

ތިއީ ގަވައިދުން ސައި ބޯ މީހެއް ނަމަ، ސައި ބޯން އެންމެ ގަޔާވާ ވަކި ގޮތެއް އޮންނާނެއެވެ. ބައެއް މީހުންނަށް އެންމެ ކަމުދަނީ ކެކިކެކި ހުންނަ، ހޫނު ފެނުގައި ސައި ކައްކައިގެން ބޯން ކަމަށްވާއިރު، ތާފަނާ ފެނުގައި ސައިބޯ ބަޔަކު އުޅެއެވެ. ހަމަ އެހެންމެ، ވީ އެންމެ ގިނައެއްކޮށް އައިސް ކިއުބް އަޅާ، ފިނިކޮށްގެން ސައިބޯ މީހުންވެސް މަދެއް ނޫނެވެ. މިއިން ކޮންމެ ގޮތަކަށް ސައި ބުއި ކަމުގައި ވީ ނަމަވެސް އެ ބާވަތެއްގެ ސައި އިހުތިޔާރު ކުރުމުން ވާ ފައިދާތަކަކާ ގެއްލުންތަކެއް އެބަހުއްޓެވެ.

އެންޓިއޮކްސިޑަންޓް

ގިނަ ބައެއްގެ މެދުގައި ސައި އެންމެ މަގުބޫލުވަނީވެސް އޭގައި އެކުލެވޭ އެންޓިއޮކްސިޑަންޓް މާއްދާތަކުގެ ސަބަބުންނެވެ. ނަމަވެސް ސައިގެ ޒަރިއްޔާއިން ހަށިގަނޑުގެ ތެރެއަށް ފޮނުވާލާ އެންޓިއޮކްސިޑަންޓްގެ މިންވަރު ބަރޯސާވަނީ، އެމީހަކު ސައި ބޯ ގޮތެއްގެ މައްޗަށެވެ. އެންޓި އޮކްސިޑަންޓް އެންމެ ގިނައިން އެކުލެވެނީ ވައިޓް ޓީގައެވެ. އަދި އެއީވެސް، ގިނަ އިރުތަކެއް ވަންދެން ފެނު ތެރޭގައި ސައިފަތްތައް ހުރެގެންނެވެ. މިއީ ގްރީން ޓީގައިވެސް ގިނަ އަދަދަކަށް އެކުލެވޭ މާއްދާއެކެވެ. އެހެންކަމުން ސައި މެދުވެރިކޮށް ހަށިގަނޑަށް އެންޓިއޮކްސިޑަންޓް އެތެރެ ކުރަން ބޭނުން ނަމަ، ފިނި ފެނުގައި ސައި ތައްޔާރުކުރުން ބުއްދިވެރިއެވެ.

ހޫނު ސައި: ކެންސަރަށް މަގުފަހިކުރޭ؟

މާ ގިނައިން ހޫނު ސައި ބުއިމަކީ ކެންސަރަށް މަގުފަހިކުރާ ކަމެއް ކަމަށް ބައެއް ދިރާސާތައް ބުނެއެވެ. 2018 ވަނަ އަހަރު އެކުލަވާލާފައިވާ ދިރާސާއެއް ބުނާ ގޮތުގައި، ހޫނުކޮށް ސައި ބުއިމަކީ، ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުކުރާ ސަބަބެކެވެ. އިންޓަނޭޝަނަލް ޖާނަލް އޮފް ކެންސާގައި 2019 ވަނަ އަހަރު އާންމުކޮށްފައިވާ އެހެން ދިރާސާއެއް ބުނާ ގޮތުގައި، ފެންގަނޑުގައި ސައި ކައްކާ ނިމޭތަނުން ސައި ބުއިމަކީވެސް ކެންސަރަށް މަގުފަހި ކުރުމުގެ ރިސްކު އިތުރަށް ބޮޑުކުރާ ސަބަބެކެވެ.

މުރަނގަފަތު ސައި ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އެޓްސީ

އާދަޔާ ހިލާފަށް ފަލަ މީހުންނަށް ރަނގަޅީ ކޮން ކަހަލަ ސައެއް؟

މިރޮނގުން މިހާތަނަށް ހޯދާފައިވާ ހޯދުންތަކަށް ބަލާއިރު، ހަށިގަނޑުގެ ބަރުދަން ލުއިކުރަން މަސައްކަތް ކުރާ މީހުން ބޭނުން ކުރަން އެންމެ ރަނގަޅީ ހަކުރު ނާޅާ ތައްޔާރުކޮށްފައި ހުންނަ އައިސް-ޓީއެވެ. މިއީ އާދަޔާ ހިލާފަށް ފަލަވެ ބަރުވެފައިވާ މީހުންގެ ތެރެއިން، ލޭ މައްޗަށް ދިއުމާ، ހިތުގެ އެކި ކަހަލަ ބަލިތައް ތަހައްމަލު ކުރާ މީހުން ބޭނުން ކުރަން އެންމެ އެކަށީގެންވާ ސައި ކަމުގައިވެސް ބުނެވިދާނެއެވެ.

މިހުރިހާ ކަމަކަށް ވިސްނާލުމަކީ އެދެވިގެންވާކަމެކެވެ. އެންޓިއޮކްސިޑަންޓްސް އެކުލެވުމާ، ބަރުދަން ލުއިކުރުމަށް އެހީތެރިވުމުގެ އިތުރުން ސަޔަކީ، އޭގައި މުހިންމު އެތައް ނިއުޓްރިއަންޓްސްވެސް އެކުލެވިގެންވާ، ސިއްހަތަށް ފައިދާތަކެއް ލިއްބައިދެނިވި، ޖީބަށާ ހަށިގަނޑަށްވެސް ލުއި ބުއިމެކެވެ. ފައިދާ އޮތީ އެކަށީގެންވާ މެދު މިނެއްގައި ކޮންމެ އަމަލެއްވެސް ބެހެއްޓުމުންނެވެ.