މި އަހަރުގެ ބަޖެޓުގައި ބަދަލު ދިނުމަށް 100 މިލިއަނެއްހާ ރުފިޔާ ހިމެނާފައިވާނެ ކަމަށާއި، ވައްކަން ކުރުމަށް ބަޖެޓްގައި އެއްވެސް ފައިސާއެއް ހިމަނާފައިނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހައުސިން މަޝްރޫއުތަކެއް ހަވާލުކުރި، ނޫމަޑި އެންޑް ރިސޯޓްސްއަށް 55 މިލިއަން ޑޮލަރުގެ ބަދަލު ދިން ގޮތުގެ ތަފްސީލު ހޯދުމަށް މިއަދު ފިނޭންސް މިނިސްޓަރު އަމީން ވަނީ މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އެގޮތުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ މިނިސްތަރު އަމީރަށް ސުވާލު ކުރައްވާފައެވެ.

"ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސީއން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި މައްސަލަ، ނެދަލޭންޑްސްގެ ދަ ހޭޓްސް ގައި ހުންނަ ޕާމަަނަންޓް ކޯޓު އޮފް އާބިޓްރޭޝަން ގޮތަަކަށް ނުނިމެނީސް ފައިސާއިން އެތައް މިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ދިނީ ކޮން ގާނޫނީ ހައިސިއްޔަތަކުންތޯ؟ އަދި އާބިޓްރޭޝަން ނިންމާނީ ބަދަލު ދޭންޖެހޭ ގޮތަށް ކަން މަނިކުފާނަށް އެނގިވަޑައިގަތީ ކޮން ގޮތަކުންތޯ؟ އާބިޓްރޭޝަން ނުނިމެނީސް ނޫމަޑި ކުންފުންޏަށް ބަދަލުގެ ގޮތުގައި ކިހާ ފައިސާއެއް ދެއްވައިފިން ތޯ؟" ޖާބިރު އެއްސެވިއެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު މަޖިލީހުގައި ފިނޭންސް މިނިސްޓަރަށް ސުވާލު ކުރައްވަނީ / ފޮޓޯ: މަޖިލިސް

މެންބަރުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ، މި ސަރުކާރުން ބަދަލުގެ ގޮތުގައި ކުންފުނިތަކަށް ފައިސާ ދޭންޖެހިފައި ވަނީ ކުރީގެ ސަރުކާރުތަކުން ވެފައިވާ އިހުމާލުތަކާއި ގާނޫނީ ޒިންމާ އަދާނުކުރުމުގެ ސަބަބުން ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން ބޭއިންސާފުން އެކި ފަރާތްތަކާ މެދު އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން، އިންސާފު ހޯދުމަށް އެކި ފަރާތްތަކުން އެދެމުން އަންނަ ކަމަށެވެ. އެހެންކަމުން އެ ހުރިހާ ކަމަކަށް ބަލާފައި މިއަހަރުގެ ބަޖެޓްގައި ބަދަލުގެ ގޮތުގައި ދޭން 100 މިލިއަނެއްހާ ރުފިޔާ ހިމަނާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ބަދަލުގެ އެއްވެސް ފައިސާއެއް ބަޖެޓުގައި ޖަހައިގެން ނޫނީ ދީފައި ނުވާނެ ކަމަށާއި އެކަން ކޮންމެ ހަފްތާއަކު އެއްފަހަރު ފިނޭންސުން ނެރޭ ތަފާސް ހިސާބުންވެސް ފެންނަން އޮންނާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބަޖެޓުގައި ޖަހައިގެން ނޫނީ އެއްވެސް ހަރަދެއް އެގޮތަށް ކޮށްފައި ނުވާނެ. ބަޖެޓް ކޯޑުގައި ނިންނާނެ އެއްވެސް ގޮތަކަށް ވައްކަމެއް ކުރާކަށް. ވެދާނެ އެހެން ސަރުކާރުތަކުން ބަޖެޓް ކޯޑުގައި ވައްކަން ކުރުމަށް ބަޖެޓް ކޯޑުކޮށްފައިވާ ކަމަށް. އަޅުގަނޑުމެން ސަރުކާރުގައި އަޅުގަނޑުމެން އެކަން ކޮށްފައި ނުވާނެ،"
އިބްރާހިމް އަމީރު

އަމީރު ވިދާޅުވީ، ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް ނޫމަޑިއަށް ބަދަލު ދިނީ އާބިޓްރޭޝަންގައި އޮތް މައްސަލައިގައި ސަރުކާރުގެ ދިފާއު ބަލިކަށިވުމުން އެ މައްސަލަ ސަރުކާރު ކޮޅަށް ނިންމޭނެ ކަމުގެ ޔަގީން ކަމެއް ނެތުމުން ކަމަށެވެ. އަދި ކޯޓުން ބޭރުން މައްސަލަ ނުނިންމި ނަމަ، ދައުލަތުން 200 މިލިއަނެއްހާ ޑޮލަރު ބަދަލުގެ ގޮތުގައި ދޭންޖެހޭނެ ކަމަށް ލޯޔަރުންގެ ލަފަޔާއި އެސެސްމަންޓްތަކުން ދެއްކި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ބަދަލު ދޭން ޖެހޭ މައްސަލަތައް އިތުރުވީ މިދިޔަ ސަރުކާރުން ކަންކަން ކުރި ގޮތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ނޫމަޑި މައްސަލަ ފިޔަވާ މިހާތަނަށް މި ސަރުކާރުން ބަދަލުގެ ގޮތުގައި ފައިސާ ދީފައިވަނީ، ކުރީ ސަރުކާރުތަކުގައި ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ކަމަށެވެ. އަދި އެމައްސަލަތައް އެ ސަރުކާރުތަކުން ރިވިއު ކުރަން ޖެހޭ މުއްދަތުގައި ރިވިއުވެސް ކޮށްފައި ނުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ހާޒިރުވެ މިއަދު މެންބަރުންގެ ސުވަލުތަަކަށް ޖަވާބު ދެއްވަނީ/ ފޮޓޯ: މަޖިލިސް

ނޫމަޑީގެ އެގްރިމަންޓް ރައީސް ޔާމީންގެ ސަރުކާރުގައި ބާތިލް ކުރި މައްސަލައިގައި އެ ކުންފުނިން ބަދަލު ހޯދަން ހުށަހެޅީ ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށެވެ. ބަދަލެއްގެ ގޮތުގައި ހޯދަން އެ ކުންފުނިން ހުށަހެޅީ 155 މިލިއަން އެމެރިކާ ޑޮލަރެވެ. ނަމަވެސް ސަރުކާރުން ވަނީ، އާބިޓްރޭޝަނުން ބޭރުން މައްސަލަ ހައްލުކޮށް، މިދިޔަ އޮގަސްޓް މަހު ސެޓްލްމަންޓް އެގްރީމަންޓެއް ހެދުމަށްފަހު، އެކުންފުންޏަށް ބަދަލުގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު ވަނީ ދީފައެވެ.

ނޫމަޑި މައްސަލައިގައި ދައުލަތާ ދެކޮޅަށް ބަޔާން ދިން މައްސަލައިގައި އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓިއަށް ހާޒިރުކޮށް ސުވާލު ކުރި އެވެ. އަދި އެ މައްސަލައިގައި އޭނާގެ އިހުމާލު އޮތް ކަމަށް ބުނެ ކޮމިޓީން ވަނީ އެނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށާއި އޭޓާނީ ޖެނެރަލްއަށް ދެންނެވުމަށް ނިންމާފަ އެވެ. ނޫމަޑި މައްސަލައިގައި މުއިއްޒު އަމަލުކުރެއްވި ގޮތާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގައި ދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ފުލުސް އޮފީހުގައި މިދިޔަ ޑިސެމްބަރުގެ ތެރޭގައި ވަނީ އެދިފައެވެ.