ވޭތުވެ ދިޔަ 15 އަހަރުގެ ތެރޭގައި 1085 މައްސަލައެއް ކޯޓުން ބަލާ ނިންމާފައިވާއިރު އޭގެތެރެއިން ކުށްސާބިތު ނުވެ 492 މައްސަަލައެއް ނިމިފައިވާ ކަން ހާމަވެއްޖެއެވެ.

ކުުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ގުޅޭގޮތުން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް ހުށަހަޅުއްވަމުން މިއަދު އެ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވީ، ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ޖުމަލަކޮށް 3135 މައްސަލައެއް ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހެޅިފައިވާ ކަމަށެވެ.

ޖީހާން ވިދާޅުވީ، ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 3135 މައްސަލަ ހުށަހެޅިފައިވާ އިރު، ކޯޓުތަކުން ޝަރީއަތް ނިމިފައިވަނީ 1085 މައްސަަލަ ކަމަށެވެ.

"މީ ޕީޖީ އޮފީހުން އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތުން ކަށަވަރުވާ ކަމެއް. އެކަށީގެންވާ ހެކި ނެތުމާއި ތަހުގީގީ މަރުހަލާ ފުރިހަމަ ކޮށްފައިނުވުމުގެ ސަބަބުން ދެން އޮތް މަރުހަލާ ކުރިއަށް ގެންދެވެން ނެތިގެން ގާތްގަނޑަކަށް 3 ބައި ކުޅަ އެއްބައި މައްސަލަަ ޕީޖީން އަނބުރާ ފުލުހަށް ފޮނުވާލާ ތަހުގީގު ކުރަން. ތަހުގީގު ކުރުމުގެ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށް އަޅުގަނޑުމެންނަށް ފާހަގަވެގެން ދޭ"
ޖީހާން މަހްމޫދު

އެގޮތުން ކޯޓުތަކުން މައްސަލަ ބަލާ ނިންމާފައިވަނީ ފުލުހުން ތަހުގީގުކޮށް ޕީޖީއަށް ހުށަހަޅައިގެން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން 35 ޕަސެންޓް މައްސަލަތައް ކަމަށް ޖީހާން ވިދާޅުވިއެވެ. ކޯޓުން ބާލަ ނިންމި މައްސަލަތަކުގެ ތެރެއިން ކުށް ސާބިތުވެފައިވަނީ 36.41 ޕަސެންޓް ކަމަށާއި 45.35 ޕަސެންޓަކީ ކުށްސާބިތުނުވާ މައްސަލަތައް ކަމަށް ޖީހާން ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސަށް މި ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ހުށަހެޅިފައިވާ ކުޑަކުދިންނަށް ޖިންސީ ގޮނާ ކުރާ މައްސަލަތަކުގެ ތެރެއިން 70 ޕަސެންޓް މައްސަލަ ތަހުގީގު ނިންމުމަށް 1 އަހަރުދުވަހަށް ވުރެ ގިނަ މުއްދަތެއް ހޭދަވެފައިވާ ކަަމަށް ޖީހާން ވިދާޅުވިއެވެ. އެހެންކަމުން ޖުމްލަ 3135 މައްސަލައިގެ ތެރެއިން 2195 މައްސަލަ ތަހުގީގު ކުރުމަށް 1 އަހަަރށް ވުރެއް ގިނަ ދުވަސް ވަނީ ހޭދަވެފައެވެ.

އަދި މީގެ އިތުރުން ފުލުހުން ތަހުގީގުކޮށް ދައުވާ ކުރުމަށް ޕީޖީއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން 31.64 ޕަސެންޓް މައްސަލަަ ޕީޖީއިން އަނބުރާ ފުރިހަމައަށް ތަހުގީގު ކުރުމަށް އަލުން ފުލުހުންނަށް އެ މައްސަލަަތައް ފޮނުވާލާފައިވާ ކަމަށް ފެންނަން އެބައޮތް ކަމަށް ޖީހާން ވިދާޅުވިއެވެ.

"ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި 3135 މައްސަލަ ހުށަހެޅިފައިވޭ. މި ބާވަތުގެ މައްސަލައަކީ އެންމެ މަދުން ހުށަހެޅޭ ޒާތުގެ މައްސަލަތައް. މީ މީހުންނަށް ޝަކުވާ އުފުލަން ފަސޭހަ މައްސަލަތަކެއް ނޫން. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ވާހަކަތަކަކީ ވަންހަނާގައި އޮންނަ ކަންތައްތައް. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަަތަކަކީ ނުވަތަ މިބާވަތުގެ މައްސަލަތަކަކީ ކުޑަކުޑިންނަށް ވެސް ބުނަންކެރޭ ޒާތުގެ މައްސަލަތަކެއްވެސް ނޫން. އެކަން އެނގުމުން މައިންބަފައިންނަށް ވެސް އެކުދިންނަށް އިންސާފު ހޯދައިދިނުމަށް މައްސަލަ ހުށަހަޅަން ކެރޭ ޒާތުގެ މައްސަލަތަކެއްވެސް ނޫން."
ޖީހާން މަހްމޫދު

މި ދިރާސާގެ ނަތީޖާ އިން އެނގިފައިވާ ގޮތުގައި ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމް ވަނީ ފެއިލްވެފައިވާ ކަމަށް ޖީހާން ވިދާޅުވިއެވެ. ވަރަށް މަދު ފަހަރަކު މި ބާވަތުގެ މައްސަލަަތައް ދައުލަތުގެ އިދާރާއަކަށް ހުށަހެޅޭ އިރު ބައެއް މައްސަލަތައް އިންސާފާ ހަމައަށް ގެންދިއުމަށް 10 އަހަރު ނަގާފައި ވާކަމަށާއި އަދި އިންސާފު ފަހަރުގައި ނުލިބިވެސް އެބަހުރި ކަަމަށް ޖީހާން ވިދާޅުވިއެވެ.

ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި 3135 މައްސަލައެއް ހުށަހެޅިފައިވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި އަދި ވޭތުވެދިޔަ 15 އަހަރުގެ ހިސާބު ކިތާބަށް ބަލާލާއިރު މި ފަދަ މައްސަލަަތައް ހުށަހެޅޭ މިންވަރު އަންނަނީ އިތުރުވަމުން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ގިނަ މައްސަލަތަކެއް ތަހުގީގު ކުރަން އަހަރަކަށް ވުރެ ގިނަ ދުވަސް ނެގުމަކީ ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ކުޑަކުދިންނަށް އިންސާފު ލިބުމަށް އެޅިގެން ދާ ހުރަހެއް ކަމަށް ކޮމިޓީން ދެކޭ ކަމަށް ޖީހާން ވިދާޅުވިއެވެ. އަދި ތަހުގީގު ލަސްވުމާ ކުށް ސާބިތުވާ ވަރު ލަސްވުމަކީ އިތުރު ކުޑަކުދިން ނުރައްކަލަށް ހުށަހެޅިގެންދާ މިނަވަރު އިތުރުވާނެ ފުރުސަތެއް ކަމަށް ކޮމިޓީގެ ހޯދުންތަކުން ދައްކާ ކަމަށް ޖީހާން ވިދާޅުވިއެވެ.

އިންކުއަރީގެ ނަތީޖާގެ ގޮތުން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ފާހަގަކޮށްފައިވާ ބައެއް ކަންތައްތައް:

  1. ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ހުށަހެލޭ މައްސަލަތަކުގައި ކުއްޖާއަށް އިންސާފު ހޯދައިދެވޭ ނުވަތަ ކަށަވަރު ކޮށްދެވޭ މިންވަރު ދެނެގަތުން.
  2. ފުލުހުންނާއި ޕީޖީއާއި ޑީޖީއޭއިން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ކުޑަކުދިންނަށް އިންސާފު ކަށާވަރުކޮށްދެވިފައެއް ނުވާކަން.
  3. ކުޑަކުދިންނަށް ޖިންސީ ގޯނާގެ މައްސަލަތައް ހުށަހެޅިފައިވާ އިރު ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ފުލުހުންނަށް އެކަށީގެންވާ ގޮތަށް އެ މައްސަލަތައް ތަހުގީގު ކުރެވިފައި ނުވާކަން.
  4. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކަށް ފުލުހުން ނަސޭހަތް ދިނުމަށްފަހު ބައެއް މައްސަލަތައް ފައިލްކޮށްފައި އެބަހުރިކަން. މީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި މީ އިތުރު ކުދިންނަށް މިފަދަ ނުރައްކަލަކަށް ހުށަހެޅުމަށް ދެވޭ ފުރުސަތެއްކަމަށް ކަން.
  5. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ޗައިލްޑް ޕްރޮޓެކްޝަން ޑާޓާ ބޭސްގައި ހިމަނާފައި ނުވާ މައްސަލަ. އަދި މި ފަދަ މައްސަލަތައް ބެލުމުގައި ދައުލަތުގެ މުއައްސަސާތައް އެއްކޮށް މަސައްކަތް ނުކުރާކަން.
  6. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ހުށަހެޅުނު ގާނޫނަށް އަމަލުކުރަން ފަށާއިރު ޗައިލްޑް ޕްރިޓެކްޝަން ޑޭތާ ބޭސްއާ އެކުގައި މަސައްކަތް ކުރުން.
  7. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަތިކުރެވިފައިވާ މުއައްސަސާތަކުގެ މުވައްޒަފުން ތަމްރީން ކުރުން.