ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިހާރުގެ ސަރުކާރުން ބޭރުކުރުމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ގޮވާލައްވައިފިއެވެ.
މުސްތަފާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިއީ (މިހާރު ހިނގަމުންދާ ސަރުކާރު) އެމްޑީޕީގެ ސަރުކާރެއް ކަމަށާއި މި ސަރުކާރުންވެސް ގޯސްކޮށް ކަމެއް ކުރާނަމަ އެކަމެއް ރަނގަޅު ކުރަން ބުނަން ޖެހޭނެ ކަމަށެވެ.
އަދި އިމްރާން ކަހަލަ "ނާތަހުޒީބު މީހަކަށް" މިނިސްޓަރުކަން ދޭން ނުޖެހޭ ކަމަށްވެސް މުސްތަފާ ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން 7 ފެބްރުއަރީ 2012 ވަނަ ދުވަހާއި ގުޅުވައިގެން ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދުވަހު ކުރެއްވި ޓްވީޓަށް ރައްދު ދެއްވާ ވިދާޅުވެފައި ވަނީ ޓްވީޓު ކުރެއްވުމަކުން ކަންނަން ރަނގަޅު ނުވާނެ ކަމަށާއި އެކަމަށް ހައްލެއް ގެނައުމަށް އަމަލުން ދައްކަވައިގެން މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމުގައި ހަރަކާތްތެރިވި މީހުން މި ސަރުކާރުގައި ތިބި މަގާމުތަކުން ބޭރުކޮށް ކެރިގެން ވެރިކަން ކުރުމަށްވެސް މުސްތަފާ ވަނީ ގޮވާލައްވާފައެވެ.
މިނިސްޓަރު އިމްރާންގެ އިސްތިއުފާއަށް ގޮވާލައްވައި ސަރުކާރުން ބޭރުކުރުމަށް މުސްތްފާ ގޮވާލައްވާފައި ވަނީ މީގެ އަށް އަހަރު ކުރިން 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ނަޝީދުގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް އެމްޑީޕީން ބުނާ ބަޣާވާތުގައި ބައިވެރިވި މީހުން މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބުމުންނެެވެ.