ފާއިތުވީ 30 އަހަރު ދުވަހުގެ ތެރޭގައިވެސް ނުވެހޭހާ ބޯކޮށް، އޮސްޓްރޭލިއާގެ ސިޓީއެއް ކަމަށްވާ ސިޑްނީއަށް ވާރޭވެހި، ފެންބޮޑުވުމުގެ ހާދިސާތައް ހިނގާ، އެތައް ހާސް ބަޔަކަށް އަމިއްލަ ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުވެއްޖެއެވެ.

އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި 4 ދުވަހުގެ ތެރޭގައި 391.6 މިލިމީޓަރުގެ ވާރޭ ސިޑްނީއަށް ވަނީ ވެހިފައެވެ. މިއާއެކު، ފުރާނައަށް ނުރައްކާ ދަރަޖައަކަށް ކުއްލި ކުއްލިއަށް ބޮޑުވެގެން އަންނަ ފެންގަނޑުތަކުގެ މައްސަލަ ކުރިމަތިވެދާނެ ކަމުގެ އިންޒާރުވެސް އެ ފަރާތްތަކުންވަނީ ދީފައެވެ.

ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން 100000 އެއްހާ ގެއިންވަނީ ކަރަންޓުގެ ހިދުމަތް ކެނޑިފައެވެ.

ގަދަ ވިއްސާރައިގެ ސަބަބުން ކުރި ފައިދާއެއްވެސް އެބައޮތެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އޮސްޓްރޭލިއާގެ އެކި ހިސާބުތަކުގައި ރޯވެފައިވާ ވަރުގަދަ އަލިފާންގަނޑުތަކުގެ ތެރެއިން ބައެއް އަލިފާންގަނޑުތައް މިހާރު ނިވިފައިވާކަމަށް ޚަބަރު ލިބެއެވެ.

އާދަޔާ ހިލާފަށް ވައިގަދަވުމުގެ ސަބަބުން އޮސްޓްރޭލިއާގެ ކަނޑުގެ ލޮނުގަނޑުން ފޮނު ހެދި، ގޮނޑުދޮށަށް ފޮނު ޖަމާވެފަ/ފޮޓޯ: އީޕީއޭ

ނިއު ސައުތް ވޭލްސް ސަރަހައްދުގައި މިހާރުވެސް 30 އަށްވުރެ ގިނަ އަލިފާންގަނޑު ރޯވެފައިވާކަމަށް ޚަބަރު ލިބެއެވެ.

ކަންމިހެން އޮތް ނަމަވެސް، އަލިފާނުގެ ހާދިސާތައް ހިނގި ސަރަހައްދަކީ ފެންބޮޑުވުމުގެ ހާދިސާތައް ހިނގުމުގެ ފުރުސަތު ބޮޑު ސަރަހައްދުތަކެއް ކަމުގެ އިންޒާރު، އޮސްޓްރޭލިއާގެ މޫސުމާ ބެހޭ ބިއުރޯއިންވަނީ އިންޒާރުކޮށްފައެވެ. އަދި ބޮޑުވެފައިވާ ފެންގަނޑުގައި ބާރު އޮޔެއް ހުންނާނެ ކަމަށާ، މި ފެންގަނޑާއެކު، އެކި ކަހަލަ ބޮޑެތި ސާމާނުތައްވެސް ދަތުރުކުރުން އެކަށީގެންވާކަމުގެ އިންޒާރު، ކަމާބެހޭ ފަރާތްތަކުންވަނީ ދީފައެވެ.